ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އެ ގައުމުގެ މީހުން މަރައި، ގަތުލްއާންމު ހިންގަމުންދާ އަނިޔާވެރި ޔަހޫދީ ދައުލަތް، އިޒުރޭލު މީހުންގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ހުށަހެޅި ބިލު އަވަސްކުރަން ސަރުކާރު ހިންގާ ޕީއެންސީން މިރޭ ގޮވާލައިފިއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި އެ ބިލު "ޕާކުކޮށްފައި" އޮންނަތާ 127 ދުވަސް ވަނީވެފައެވެ. މަޖިލީހުގައި ހިމެނޭ 93 މެމްބަރުންގެ ތެރެއިން 75 މެމްބަރުންނަކީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަކީ މި އަހަރުގެ ޖޫން މަހުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމެއް ކަމަށެވެ. އެ ނިންމެވުމާ އެއްގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނައުމަކީ ޕީއެންސީން ތާއިދު ކުރާ ކަމެއް ކަމަށެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންނަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުއިކަމާއެކު ކުރުމަށް މި ޕާޓީން އިލްތިމާސްކުރުމަވެ،" ޕީއެންސީގެ ބަޔާނުގައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒުރޭލުން ދެމުންދާ އަނިޔާތަކުގެ އިތުރުން ލުބުނާންގެ ރައްޔިތުންނަށް އިޒުރޭލުން ކުރިމަތިކުރަމުންދާ އަނިޔާވެރި އަމަލުތަކާމެދު ނުރުހުންފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސް ޑރ. މުއިއްޒު ނިންމެވި އެ ފިޔަވަޅަށް ޕީއެންސީން ފުރިހަމައަށް ތާއިދުކުރާ ކަމަށް ބަޔާނުގައިވެއެވެ.

ޕީއެންސީން މިރޭ ބަޔާން ނެރެފައި މި ވަނީ އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ގޮވާލައި، މާދަމާ ހެނދުނު މަޖިލިސް މުޒާހަރާއަށް ނުކުންނަން ނިންމާފައި ވަނިކޮށެވެ. މުޒާހަރާއަށް މާދަމާ ނުކުންނަނީ ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރާ ދިވެހި ޒުވާނުންނެވެ. މުޒާހަރާ ކުރަން ނިންމާފައި ވަނީ މާދަމާ ހެނދުނު 10 ގައެވެ.

އިޒުރޭލު ޕާސްޕޯޓް މަނާކުރާ ބިލު މަޖިލީހަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރަމުންދަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމިޓީ)އިންނެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ 13 މެމްބަރުންގެ ތެރެއިން އަށް މެމްބަރުންނަކީ ޕީއެންސީގެ މެމްބަރުންނެވެ. އެ ކޮމެޓީގެ މުގައްރިރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ.