ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާނީ ގާތްކަން ރަމްޒުކޮށްދެމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 'ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމް' ފުރިހަމަކުރުމަށް އިންޑިއާ ސަރުކާރުން 1،200 ގަސް ހަދިޔާކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގެ 'އަމާން އުދަރެސް ޓަވަރ 15' ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާގެ ފަރާތުން މި ގަސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމަނިއަމެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ގަސްތަކާ ހަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިރުތިޝާމް ވިދާޅުވީ، އެ ގަސްތަކަކީ ދިވެހިރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެކި އެހީތެރިކަމުގެ ތެރެއަށް އިތުރުކުރި މުހިންމު ބޮޅެއް ކަމަށެވެ.
އަދި މިއީ ގައުމީ ފެންވަރެއްގައި ކުރިއަށްދާ ފެހި ޕްރޮގްރާމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކަމަނާ ފާހަގަކުރެއްވިއެވެ.
ތިމާވެއްޓާއި ބެހޭ ވަޒީރު އަލީ ޝަރީފު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލެ އިތުރަށް ފެހިކުރުމަށް މިފަދަ ހަރަކާތްތައް ވަރަށް މުހިންމެވެ. އަދި އިންޑިއާއިން ހަދިޔާކުރި ހުރިހާ ގަހަކީވެސް ރާއްޖޭގެ މާހައުލާ ގުޅިގެން ހެއްދޭނެކަން ކަށަވަރުކޮށްފައިވާ ގަސްތަކެއްކަން ފާހަގަކުރައްވަމުން، މިއަހަރަށް ކަނޑައެޅުނު 1 މިލިއަން ގަސް އިންދުމުގެ އަމާޒަށް މިހާރުވެސް ވާސިލްވެފައިވާ ކަމަށެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ ވާހަކަފުޅުގައި، މި ގަސްތަކުގެ ތެރޭގައި މޭވާދޭ ބާވަތްތައް ހިމެނުމަކީ ލިބުނު އިތުރު ފައިދާއެއް ކަމަށާއި، އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމާއި ތިމާވެށި ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާ ސަފީރު ބާލަސުބްރަމަނިއަމް ވިދާޅުވީ، އެ އެހީ ދިނުމުގައި ހާއްސަކޮށް ރާއްޖެއަށް އެންމެ ބޭނުންތެރި އަދި ފައިދާހުރި ބާވަތްތައް ހިމެނުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ