ބޭރުގެ ކުންފުންޏަކާއި ހަވާލު ކޮށްގެން ރަސްމާލޭގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއު ކުރިޔަށް ގެންދިއުމާއި މެދު އާއްމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ނޫސްވެެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިނގާނެ ކަމެއް ނޫން،" ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މިކަމުގައި ނަގަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެން ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފައެވެ. އެ ބިލުގެ ތަފްސީލުތައް ރައީސް ވަނީ މިއަދު ހިއްސާ ކުރައްވައިފައެވެ.

އެގޮތުން އެ ބިލުން އަންނަން އޮތް ޖީލުތަކަށް ވެސް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.