އެންމެ ދުވަހެއް ވެސް މަޑު ނުކޮށް އައްޑޫގެ މަސްވެރިން މަހަށް ނިކުމެ، މަސްވެރިކަން ކުރަން ފެށުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ގޮވާލައިފިއެވެ.
ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ހަރުގެ "ޕީއެންސީ ހައުސް" ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިރޭ ޝިޔާމް ވިދާޅުވީ މަސްވެރިން ބާނާ މަހަށް ފައިސާ ނުދީ މި ސަރުކާރުން ނުހުންނާނެ ކަމަށެވެ. އައްޑޫ ސިޓީގައި މަސްވެރިކަން ކުރާ ފަރާތްތައް މުޒާހަރާ ކުރަން ފެށުމުގެ ކުރިން އެމަނިކުފާނާ ވާހަކަދެކެވުނު ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ އީދު ބަންދުގެ ކުރިން ވެސް މަސްވެރިންނަށް މިހާރު ނުދީ ހުރި ފައިސާގެ ތެރެއިން ބައެއް ދީފައިވާނެ ކަމަށެވެ.
"އީދަށް ވީއިރުގައި ގާތްގަނޑަކަށް 90 އެތައް މިލިއަން ރުފިޔާއެއްގެ ތެރެއިން އީދަށް ވާންވާއިރަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން އޭގެ 50 ޕަސެންޓު ނޫނިއްޔާ އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް އެމަނިކުފާނު މަސްވެރިންނަށް ދައްކާ ހަލާސް ކުރެއްވި،" ޝިޔާމް ވިދާޅުވިއެވެ.
އަޟްހާ އީދާ ގުޅިގެން ބޮޑު ބަންދެއް ކުރިމަތިވިއިރު ހުރިހާ މުއާމަލާތްތަކެއް ކުރުން ވެސް ބަންދުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން އެކަމުގައި ސަރުކާރަށް ކުރެވޭނީ ކޮން ކަމެއްތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ.
މަސްވެރިންނަށް ނުދީ އޮތް ފައިސާތައް ދިނުމަކީ ރައީސް މުއިއްޒު ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި ހުރި ކަންތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި ހަފްތާގައި ސަރުކާރުން ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ މަސްވެރިންނަށް ނުދީ ހުރި ފައިސާތައް ދައްކާ ހަލާސް ކުރުން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަކީ މަސްވެރިންނަށް ފިލައިގެން އުޅޭނެ ބައެއް ނޫން އަޅުގަނޑުމެންނަކީ މަސްވެރިން ކުރާ އިހުތިޖާޖުތަކަށް އުނދަގޫ ކުރާނެ ބައެއް ނޫން އެ އިހުތިޖާޖުތަކަށް ނުރުހުންތެރިކަން ފާޅުކުރާނެ ބައެއް ނޫން،" ޝިޔާމް ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާ މުޒާހަރާތަކަށް ސަރުކާރުން މަރުހަބާ ނުކިޔާނެ ކަމަށާއި މަރުހަބާ ކިޔަނީ ސުލްހަވެރި ކަމާއެކު ކުރާ މުޒާހަރާތަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިން އަތުން މަސް ގަތުމަށްފަހު މިފްކޯއިން ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި އައްޑޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށް ވަނީ ހުރަސް އަޅައިފަ އެވެ. އަދި އެތަނަށް ކަރަންޓް ދިނުމަށް ވެސް މަސްވެރިން ވަނީ ހުރަސް އަޅައިފަ އެވެ.
މި މައްސަލައާ ގުޅިގެން މިފްކޯ އިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މިފްކޯ އިން ބުނީ އެ މުޒާހަރާގެ ތެރެއިން ފިޝަރީޒް ކޮމްޕްލެކްސްގެ މުދަލަށް ގެއްލުން ދިނުމާއި މުވައްޒަފުންނަށް ދަތި ކުރުމާއި އެތަނަށް ކަރަންޓް ދޭން ހުރަސް އެޅުމުގެ ސަބަބުން އެތަނުގެ އޮޕަރޭޝަންސްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާ ދޯނިތަކުން މަސް ގަތުން ކުރިއަށް އޮތް ތިން މަސް ދުވަހަށް ހުއްޓާލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.