އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއާ މިއަދު ގުޅިވަޑައިގެންފިއެވެ.

ހަސަންޓޭ ޕީއެންސީއަށް ސޮއިކުރުމުން، އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 18އަށް އަރާފައެވެ. ހަސަންޓޭ ވަނީ ޕީއެންސީއަށް ސޮއިކޮށް، ރައީސް ޑރ. މުއިއްޒަށް އޭނާގެ މެމްބާޝިޕް ފޯމް ހަވާލުކުރާ ފޮޓޯ ސޯޝަލް މީޑިއާގައި މިއަދު ހެނދުނު އާންމުކޮށްފައެވެ.

ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން ހަސަން އިއުލާން ކުރެއްވީ މިއަދު ހެނދުނު އޭނާ "އެކްސް" އާއި "ފޭސްބުކް"ގައި ހަސަންޓޭ ކުރި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު، ކުރިއަށް ދިއުމަށް ނިއްމާފައިވާ ކަމަށެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ޕީ.އެން.ސީ އާއިއެކު ހުންނާނެ ކަމަށް ހަސަން ވިދާޅުވެފައިވެއެވެ.

ހަސަންޓޭ އިނގުރައިދޫ ދާއިރާގެ ގޮނޑި 2019 ވަނަ އަހަރު ކާމިޔާބު ކުރެއްވީހަތަރު ކެންޑިޑޭޓުންނާ ވާދަކޮށް، 85 ވޯޓުގެ ތަފާތުންނެވެ. ހަސަންޓޭއާ އެންމެ ގާތުން ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ފަލާހަށް ލިބުނީ 925 ވޯޓެވެ. ހަސަންޓޭއަށް އެފަހަރު ލިބުނީ 1010 ވޯޓެވެ.

ހަސަންޓޭއަކީ އެމްޑީޕީގެ މަގުމަތީ ހަރަކާތުން ވިދާލި އެކްޓިވިސްޓެކެވެ. އޭނާ ފާހަގަވެގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމުން، ސިލްސިލާކޮށް މަގުމަތީގައި މުޒާހަރާ ކުރި މީހެއްގެ ގޮތުގައެވެ.

ސަރުކާރު މަޖިލިސް މެމްބަރުން:

  1. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  2. މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު
  3. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް
  4. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް
  5. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު)
  6. ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
  7. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ހައިތަމް
  8. އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  9. ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
  10. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް
  11. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
  12. މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  13. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު
  14. މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
  15. ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު
  16. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ)
  17. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް
  18. އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު