ހުޅަނގުގެ ނުފޫޒުތަކާ ވަކިން ދުނިޔޭގެ މާލީ ކުރިއެރުމަށް މަގުފަހިކުރާނެ އާ އޮނިގަނޑެއް އެކުލަވާލުމަށް ބްރިކްސްގެ މެންބަރުންނަށް ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން ދައުވަތު ދެއްވާފައިވަނިކޮށް، އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޕުޓިން އިއްޔެ އެއްބަސްވެވަޑައިގެންފި އެވެ.
ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓުގެ ކުރިން މި ދެ ބޭފުޅުން ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ފަދަ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާގެ ހާރިޖިއްޔާއިން ހާމަކުރި ގޮތުގައި، ހުޅަނގު އޭޝިއާ ސަރަހައްދާއި ކަޅު ކަނޑުގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަނޑުމަގުން ކުރާ ވިޔަފާރިއަށާއި އިންޑިއާގެ ފަޅުވެރިންގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާ ގުޅޭގޮތުން ދެ ލީޑަރުން ހިޔާލު ބަދަލުކުރެއްވި އެވެ.
މީގެ އިތުރުން، ދެ ގައުމުގެ މެދުގައި ގާއިމުވެފައިވާ ހާއްސަ ސްޓްރެޓީޖިކް ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިތިބުމަށް ދެ ބޭފުޅުން ނިންމެވި ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ. ބްރިކްސް ވިޔަފާރި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ، ހުޅަނގުގެ ބާރުތަކުން އިގުތިސާދީ ގޮތުން އަލުން ކުރިހޯދަން އުޅެނީ ތަފާތު ހުރަސްތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
އަމިއްލަ ގައުމުގެ މަސްލަހަތު އިސްކޮށް، އެހެން ފަރާތްތަކުގެ ނުފޫޒަށް ބޯނުލަނބާ ގައުމުތަކާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ ބިރުދައްކައި، ގާނޫނާ ހިލާފު ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކުރިމަގަށްޓަކައި އިތުބާރު ހުރި އަދި ދެމެހެއްޓެނިވި އާ ނިޒާމެއް ގާއިމުކުރުމަށް ބްރިކްސްއިން އިސްނަގާނެ އެވެ.
މިއީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ދަތިވާ ގޮތަށް އަޅާފައިވާ ކަސްޓަމްސް ޑިއުޓީތަކާއި މާލީ ހުރަސްތަކާ މެދު ބްރިކްސްގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުގެ ވެރިން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް ބާރުދޭ ވާހަކަތަކެކެވެ. ޔުކްރެއިނާއި އިރާނާ ގުޅިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި، އެމެރިކާ، ރަޝިއާ، އިރާން، އިޒްރޭލު އަދި ގަލްފުގެ ގައުމުތަކާ އެކު އޮންނަ ގުޅުން އެއްވަރެއްގައި ހިފެހެއްޓުމަށް އިންޑިއާއިން ދަނީ މަސައްކަތްކުރަމުންނެވެ.
އިންޑިއާ އާއި ރަޝިއާގެ ގުޅުމުގެ މައިގަނޑު އެއް ތަނބަކީ ހަކަތައިގެ ދާއިރާ އެވެ. ރަޝިއާއިން ތެޔޮ ނުގަތުމަށް ހުޅަނގުން ބާރުއަޅަމުންދިޔަ ނަމަވެސް، ޗައިނާއާ އެކު އެ ގައުމުން އެންމެ ގިނައިން ތެޔޮ ގަންނަނީ އިންޑިއާއިންނެވެ. ނިއުދިއްލީގެ ވިސްނުމަކީ އެ ގައުމުގެ ބޮޑު އާބާދީއަށާއި ކުރިއަރަމުން އަންނަ އިގުތިސާދަށް ބޭނުންވާ މިންވަރަށް، ހުއްޓުމެއް ނެތި އަދި އަގުހެޔޮކޮށް ހަކަތަ ލިބެން ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމެވެ.
މި ދެ ގައުމުގެ އަމާޒަކީ 2024-25 ވަނަ މާލީ އަހަރު 70 ބިލިއަން ޑޮލަރުގައި ހުރި ވިޔަފާރީގެ މުއާމަލާތްތައް، 2030 ވަނަ އަހަރު އަންނަންވާއިރަށް 100 ބިލިއަން ޑޮލަރަށް އުފުލުމެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން