އިންޑިއާގެ ރަސްމީ އިމްތިހާންތަކުގެ ކަރުދާސްތައް ލީކުވުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެ ގައުމުގެ އިމްތިހާން ނިޒާމު އިސްލާހުކުރާނެ މަތީ ފަންތީގެ ޓާސްކް ފޯހެއް އެކުލަވާލެއްވިކަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ބޮޑުވަޒީރު ވިދާޅުވީ، ނަންދަން ނިލޭކަނީ އިސްކޮށް ހުންނަވައިގެން މަސައްކަތްކުރާ މި ޓީމުން އިމްތިހާންތަކުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭ ރިޕޯޓެއް އެކުލަވާލާނެ ކަމަށެވެ. މި ފިޔަވަޅުތަކަކީ ދަރިވަރުންގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޓާސްކް ފޯހުގައި އިސްރޯގެ ކުރީގެ ޗެއާމަން އެސް. ސޯމްނާތާއި، އައިއައިޓީ މެޑްރާސްގެ ޑައިރެކްޓަރު ވީ. ކަމަކޯޓީގެ އިތުރުން ދާއިރާގެ އެހެން ތަޖުރިބާކާރުންވެސް ހިމެނިވަޑައިގަންނަވައެވެ. މި ޓީމުގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިމްތިހާންތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި ނިންމުން އިއުލާންކޮށްފައިވަނީ އިމްތިހާން ކަރުދާސް ލީކުވުމާ ގުޅިގެން މުޅި އިންޑިއާގައި މުޒާހަރާތައް ވަރުގަދަވެ، އެޑިޔުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުންނެވެ. މިއީ މޯދީގެ ވެރިކަމުގެ ތިން ދައުރުގެ ތެރޭގައި، އާންމުންގެ މުޒާހަރާތަކާ ގުޅިގެން ކެބިނެޓް މިނިސްޓަރަކު މަގާމުން ވަކިވެވަޑައިގަތް ފުރަތަމަ ފަހަރެވެ.
ޕްރަދާން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެޑިޔުކޭޝަން މިނިސްޓްރީ ހިންގެވުން މިހާރު ވަނީ ކޮންސިއުމާ އެފެއާޒް މިނިސްޓަރު ޕްރަލްހާދު ޖޯޝީއާ ވަގުތީ ގޮތުން ހަވާލުކުރައްވާފައެވެ. ޖޯޝީ ވަނީ މިއަދު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން، މިނިސްޓްރީގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ބައްދަލުވުމެއް ބާއްވަވާފައެވެ.
މީގެ އިތުރުން، އިމްތިހާން ކަރުދާސް ލީކުކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި އާ ބިލެއް ޕާލަމެންޓަށް ހުށަހެޅުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި ބިލުގެ ދަށުން ކުށްވެރިވާ ފަރާތްތައް 10 ކްރޯޑް ރުޕީސްއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ފާސްޓް ޓްރެކް ކޯޓުތަކެއް އުފެއްދުމަށް ނިންމާފައިވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ