ޅ. ކުރެންދޫ އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުވުމަށްފަހު، އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ، އެކަމާ ދެކޮޅަށް އެ ރަށުގައި ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ނިންމައިފިއެވެ. މި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ހައްގުގައެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގަމުންދިޔަ ކުރެންދޫ އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުވީ މިދިޔަ ހޯމަ ދުވަހުއެވެ. އިންޖީނުގެއާ ހަވާލުވުމަށްފަހު ޖުމްލަ ނުވަ މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު، އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ފަސް މުވައްޒަފަކު ހިމެނެއެވެ. ނަމަވެސް، އެ ފަސް މުވައްޒަފުންގެ ވަޒީފާ މިހާރު ވަނީ އިޔާދަކޮށްފައެވެ.
ރަށު ތެރޭގައި ވާހަކަ ދެކެވޭ ގޮތުގައި ޕީއެންސީގެ ފަސް މުވައްޒަފުންގެ ވަޒީފާ އިޔާދަކުރީ ކުރެންދޫ ޕީއެންސީގެ ސްޓިއަރިން ކޮމިޓީން އެކަމަށް ޑިމާންޑު ކުރުމާ ގުޅިގެންނެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން އަދިވެސް ތިބީ ވަޒީފާއިން ވަކިކޮށްފައެވެ. މި ތަފާތުކުރުންތަކާ ގުޅިގެން އިއްޔެ ވެސް އެ ރަށުގައި ވަނީ މުޒާހަރާ ކޮށްފައެވެ.
މުޒާހަރާތަކުގައި އަންހެނުންނާއި ފިރިހެނުންގެ އިތުރުން އެކި އުމުރުފުރާގެ މީހުން ވެސް ބައިވެރިވެއެވެ.
މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނި ގޮތުގައި، ވަކިކުރި މުވައްޒަފުންގެ ވަޒީފާ އިޔާދަކުރަންދެން ކޮންމެ ދުވަހަކު އިންޖީނުގެ ކުރިމަތީގައި މުޒާހަރާ ކުރާނެއެވެ. މީގެ އިތުރުން، ސްޓެލްކޯއިން އިންޖީނުގެއާ ހަވާލުވުމަށްފަހު މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އާ ނުކުރާ މައްސަލާގައި ވެސް މުޒާހަރާގެ ބައިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މުޒާހަރާގެ ތާވަލާ ގުޅޭގޮތުން އިންތިޒާމް ކުރާ ފަރާތްތަކުން ބުނީ، ކުރިއަށް އޮތް ބަންދު ހަތަރު ދުވަހު މުޒާހަރާ ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 4:15 ގައެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކަށްފަހު އޮފީސްތައް ހުޅުވުމުން، ހެނދުނުން ފެށިގެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.


އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ