ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ، މަލްޓިޕަލް އެންޓްރީ އުމްރާ ވިސާއެއް އިއުލާންކޮށްފިއެވެ.
މި އާ ވިސާ ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ އުމްރާވެރިންނަށް ކަންކަން ފަސޭހަކޮށްދިނުމާއި، އެ ގައުމުގެ ވިޝަން 2030 ގެ ދަށުން ކުރިއަށްގެންދާ "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް" ގެ ލަނޑުދަނޑިތައް ހާސިލުކުރުމެވެ.
މި ވިސާގެ ދަށުން ދޫކުރާ ތާރީހުން ފެށިގެން 365 ދުވަހުގެ މުއްދަތަށް ސައުދީއަށް ދަތުރުކުރެވޭނެއެވެ. އެކި ފަހަރު މަތިން އެތެރެވުމުގެ ހުއްދަ އޮތް ނަމަވެސް، އެއްފަހަރާ ގައުމުގައި މަޑުކުރެވޭނީ ގިނަވެގެން 90 ދުވަހަށެވެ. ކޮންމެ ދަތުރެއްގައި ވެސް "ނުސުކް" ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތްތަކުގެ ޕެކޭޖެއް ގަންނަން ޖެހޭއިރު، އުމްރާވުމުގެ ހުއްދަ ވެސް ހޯދަންޖެހެނީ އެ އެޕްލިކޭޝަން މެދުވެރިކޮށެވެ.
މީގެ އިތުރުން، ކޮންމެ ދަތުރެއް ނިންމާފައި ފުރާއިރު ވިސާ ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށާއި، އަލުން އެކްޓިވޭޓްވާނީ ޖެހިގެން އަންނަ ދަތުރަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ވިސާ ބޭނުންކޮށްގެން ހައްޖު މޫސުމުގައި ސައުދީއަށް އެތެރެއެއް ނުވެވޭނެއެވެ. އެގޮތުން ކޮންމެ އަހަރެއްގެ ޒުލްގައިދާ މަހުގެ އެކަކުން ފެށިގެން ޒުލްހިއްޖާ މަހުގެ 13 ވަނަ ދުވަހާ ހަމައަށް މި ވިސާ މެދުކަނޑާލާފައި އޮންނާނެއެވެ. މި ބަދަލާއެކު އުމްރާގެ ދަތުރުތައް ރޭވުމުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބި، ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސައުދީ ސަރުކާރުން ގަބޫލުކުރެއެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުމްރާއަށްދާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ހިނގާ ޖުލައި މަހުގެ ސްކޫލް ބަންދާ ދިމާކޮށް ވެސް 4،000 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި