ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ދުރުކުރުމަށްޓަކައި، މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި މައިގަނޑު ދެ ތުހުމަތެއް ކޮށްފައިވެއެވެ. އެއީ މަގާމުގެ ބާރު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ޒިންމާތަކުން ރެކިވަޑައިގަތުމުގެ ތުހުމަތެވެ.

އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނާޒިމް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައި، ވަކި ފަރާތަކަށް ޖެހި ފިތުނަ އުފެދޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ މަސައްކަތްތަކުގައި ސިޔާސީ ގޮތުން ތައައްސުބުވެ، މަޖިލީހުގެ އާންމު މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ، މަގާމުގެ ވާޖިބުތަކަށް އިހުމާލުވެފައިވާ ކަމަށްވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ނާޒިމްގެ އަމަލުތައް ހުރީ ވަކި ފަރާތަކަށް މަންފާވާ ގޮތަށް ކަން ސާފުވާން އޮތުމުން، މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ރައްކާތެރިކޮށްދިނުމުގައި އޭނާ ވަނީ ބޮޑުތަނުން ފަސްޖެހިވަޑައިގެންފައި ކަމަށް ގަރާރުގައިވެއެވެ. އަދި އޭނާގެ މިފަދަ އަމަލުތަކުގެ ސަބަބުން މެންބަރުންގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ހުށަހެޅުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކުގައެވެ.

ނަމަވެސް، ނައިބު ރައީސްގެ މަގާމުން ވަކިކުރެވޭނީ އެ މައްސަލައަށް ވޯޓަށް އަހާ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ ތެރެއިން އަޣުލަބިއްޔަތު މެންބަރުން އެކަމަށް ތާއީދުކޮށް ވޯޓު ދިނުމުންނެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ނާޒިމް އިންތިހާބުވީ 28 މޭ 2024 ގައި ބޭއްވި ވޯޓުގައި 80 މެންބަރުންގެ ތާއީދާއެކުގައެވެ. މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނާޒިމް ވަނީ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ.