ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރާ ކަމަށާއި އެކަން ކުރަނީ އެއްވެސް ގޯސް ނިޔަތެއް އޮވެގެން ނޫން ކަމަށް ސަރުކާރު ޕާޓީ، ޕީއެންސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ގެނެސްފައެވެ. އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު އެކަމުގައި ހުރި ނެތް ގޮތް ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާއެކު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ބަޔާން ކުރައްވާފައިވާ ރިފަރަންޑަމް ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އިދިކޮޅު އެމްޑީޕީން ވަނީ އެދިފައެވެ. އެމްޑީޕީން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް ވާހަކަދައްކައިފައެވެ.

މިކަމާއި ގުޅިގެން ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް މީގެކުރިން ތާއީދު ކުރައްވަވާ ވާހަކަދައްކަވާފައި އެބަ ހުންނެވި ކަމަށެވެ.

"މި މައްސަލަ އަކީ އަޅުގަނޑުމެން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ކުރިން ސިޔާސީ ހުރިހާ ޕާޓީތަކެއް ވެސް އަދި ސިޔާސީ ހުރިހާ ލީޑަރުންވެސް ވަރަށް ބޮޑަށް އިއްތިފާގުވެފައިވާ މައްސަލައެއް،" ފަލާހް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ރިޔާސީ ދައުރު ދަންމާލުމަށް ކަމަށް އެމްޑީޕީން ބުނަމުން އަންނަ ކަމަށާއި އެހެންނަމަވެސް ކުރަން އުޅޭ ކަމަކާއި ރިޔާސީ ދައުރަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕާޓީ، ޕީއެންސީގެ ސްޓޭންޑަކީ މި އިންތިހާބު [ހިޔާލު ހޯދުމުގެ ވޯޓު] އާނއެކޭ އެނގޭތޯ... އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދު ކުރަމޭ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން،" ފަލާހް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ގާނޫނުއަސާސީ އަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް އިސްލާހު ގެނައީ ރައްޔިތުންނަށް އެކަމާއި ގުޅުންހުރި ކަންތައްތަކެއް ކޮށްދޭން ބޭނުންވާ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީ އަށް އެފަދަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ހިޔާލު އެކަމުގައި ހޯދައިގެން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

"އެކަން ކުރަން ރައްޔިތުންގެ ކިބައިން އަހާލަން މިއުޅެނީ.... ދެން ރައްޔިތުންތާ ގޮތް ނިންމަވާނީ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންގެ ގާތުގައި ހުރިހާ ކަމެއް ވެސް އައްސަވައިގެން ކުރިޔަށް ގެންދަވާ ބޭފުޅެއް،" ޝިޔާމް ވިދާޅުވިއެވެ.

ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތައް ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ނިންމީ މި ސަރުކާރުންނެވެ. ޝިޔާމްގެ ވާހަކަފުޅުގައި ވަނީ އެކަން ފާހަގަކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ އެއްވެސް ސަރުކާރަކަށް ދެން ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ.