މާލެ ސިޓީ ކައުންސިލްގެ ކަންކަން ފާއިތުވެދިޔަ ދެ އަހަރު ގޮސްފައި ވަނީ ގޯސްކޮށް ކަމަށް އެ ކައުންސިލްގެ ކުރީގެ މޭޔަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި މާހެފުމުގައި އެ ޕާޓީގެ ލީޑަރު އަދި ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު މިހާރު މާލޭގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމަށް ފާޑު ވިދާޅުވެ ވާހަކަދައްކަވައިފައެވެ. ހާއްސަކޮށް ކައުންސިލުން ކަންކަން ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން މާލޭގައި ހުރި ޕާކުތައް ވެސް ފާއިތުވެދިޔަ ދެ އަހަރު ހަދަން ފެށީ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ސަލްޓަން ޕާކާއި ރަސްފަންނާއި ޖުމްހޫރީ މައިދާން ހަލާކުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެތަންތަން އެ ހާލަތަށް ވެއްޓެން މެދުވެރިވި ސަބަބެއް ކަމަށް ރައީސް ފާހަގަކުރެއްވީ ސިޓީ ކައުންސިލްގެ ޒިންމާ އަދާ ނުކުރުމެވެ.
މާލޭ ސިޓީ ކައުންސިލްގައި 18 މެންބަރުން ތިއްބަވައެވެ. އެ ކައުންސިލްގައި ވެސް މެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. އެއީ 15 މެންބަރުންނެވެ. ނަމަވެސް ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު ނެރުއްވި އެކްޝަން ޕްލޭންގައިވާ ކަންކަން މިހާރުގެ މޭޔަރު އާދަމް އާޒިމް ތަންފީޒު ނުކުރައްވާ ކަމަށެވެ. ސިޓީ ކައުންސިލްގެ ހިންގުމުގެ ހުރިހާ ޒިންމާއެއް އޮންނަނީ މޭޔަރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޓީ ކައުންސިލްގައި ތިއްބެވި 18 ކައުންސިލަރުން އެކްޝަން ޕްލޭން ތަންފީޒު ކުރަން މަސައްކަތް ކުރެއްވި ކަމަށެވެ.
"އެހެން ނަމަވެސް މާލެ ސިޓީގެ ރައްޔިތުންނަށް މާލެ ފެނިވަޑައިގަންނަވާނެ މި ފޮތުގައި އޮތް ގޮތަކަށް ކަންކަމެއް ނުހިނގާކަން. އަޅުގަނޑު އޭރު މާލޭ މޭޔަރަކަށް ހުރެ ފެށި ކަންކަން އެ ހުރީ ހުއްޓުނު ގޮތަށް ހުއްޓިފައިކަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ އެކްޝަން ޕްލޭންގައިވާ ކަންކަމުގައި މި ސަރުކާރުގެ "ދިވެހީންގެ ރާއްޖޭގެ" މައިގަނޑު ކަންކަން ހިމެނޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މާލޭގެ ރައްޔިތުން ހަތަރެއް އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން ހޮވުމަށް އެދިވަޑައިގެންނެވިއެވެ.
ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުށަހަޅަން ބިއުރޯއެއް
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" އުފައްދައިފި
17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަނީ
ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި
މިނިސްޓަރު ފެންވަރުގައި މުންދު ސަރުކާރުގެ ތަރުޖަމާނަކަށް
ދަނޑިވެރިކަމާއި މަސްވެރިކަމުގެ މިނިސްޓްރީ އެއްކޮށްލައިފި