އާޓްފިޝަލް އިންޓަލިޖެންސް ނުވަތަ އޭއައިއާ ގުޅޭ ގޮތުން އިންޑިއާގައި ދާދިފަހުން ބޭއްވިގެންދިޔަ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އަކީ އެގައުމުގެ ތަރައްގީގެ މުހިއްމު ވަގުތުކޮޅެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސިފަކުރައްވައިފިއެވެ.

އޭއައި ސަމިޓަށްފަހު މޯދީ ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ އޭއައި ސަމިޓާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި، ސަރުކާރުތަކުގެ ވެރިންނާއި، މަންދޫބުންނާއި އަދި އައު އީޖާދުތައް ކުރާ ފަރާތްތަކަށް އިންޑިއާއިން މަރުހަބާ ކިޔުމަކީ ލިބުނު ބޮޑު ފަހުރަކާއި އުފަލެއް ކަމަށެވެ.

މޯދީ ވިދާޅުވީ އެ ސަމިޓުގފައި 100 އަށްވުރެ ގިނަ ގައުމުތަކުގެ މަންދޫބުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި އޭއައިގެ އީޖާދުތައް ކުރާ ފަރާތްތަކުން އެ ފަރާތްތަކުން ތައްޔާރު ކޮށްފައިވާ އެންމެ ފަހުގެ އުފެއްދުންތައްވެސް ދައްކާލާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ އިންޑިއާގެ ތަރައްގީގެ ދަތުރުގައި މުހިންމު ވަގުތުކޮޅެކެވެ. ސަބަބަކީ އޭއައި އީޖާދުކުރުމާއި ބޭނުންކުރުމުގެ ބޮޑު ހަރަކާތެއް މިހާރު ވަނީ ހަގީގީ މާނައިގައި ފެށިފައެވެ. އިންސާނީ ތާރީހުގައި ތަހުޒީބުގެ މިސްރާބު ބަދަލުކޮށްލި އެތައް ޓެކްނޮލޮޖީގެ ބަދަލުތަކެއް ވަނީ ފެނިފައެވެ،" މޯދީގެ ލިޔުމުގައިވެއެވެ.

މުޅި ދުނިޔެއަށް އޭގެ އަސަރު ފޯރާފައިވާ ކަމަށް މޯދީ ފާހަގަކުރެއްވިއެވެ. އޭއައިގެ ސަބަބުން މެޝިންތައް ތޫނުފިލިވަމުން ދިޔަ ނަމަވެސް، މިއީ އިންސާނުންގެ މަގުސަދުތައް ހާސިލުކުރުމަށް ލިބޭ ވަރުގަދަ ބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭއައި އަކީ މެޝިނަށް އިސްކަންދޭ އެއްޗަކަށް ވުމުގެ ބަދަލުގައި، އިންސާނުންނަށް އިސްކަންދޭ އެއްޗަކަށް ހެދުން މުހިއްމު ކަމަށް މޯދީ ވިދާޅުވިއެވެ.

އެ ސަމިޓުގައި "އެންމެންގެ ލާބައާއި، އެންމެންގެ އުފާވެރިކަން" އެ އުސޫލުގެ ދަށުން، ދުނިޔޭގެ އޭއައި މަޝްވަރާތަކުގެ މަރުކަޒަކީ އިންސާނުންގެ ދުޅަހެޔޮކަން ކަމުގައި ހަދާފައިވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އިންޑިއާ އިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ޓެކްނޮލޮޖީއަކީ އިންސާނުންނަށް ހިދުމަތްކުރަން ޖެހޭ އެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.

"ޔޫޕީއައި މެދުވެރިކޮށް ކުރާ ޑިޖިޓަލް ޕޭމަންޓްތައް ކަމުގައި ވިޔަސް ނުވަތަ ކޮވިޑް ވެކްސިން ކަމުގައި ވިޔަސް، އަޅުގަނޑުމެން ކަށަވަރުކުރީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އެއްވެސް މީހަކު ބާކީނުކޮށް އެންމެންނަށް ފޯރުކޮށްދިނުމަށެވެ. މި ސަމިޓުންވެސް އަޅުގަނޑަށް ފެނުނީ އެ ރޫހެވެ،" ދުނިޔޭގެ ބޮޑު އެއް ބާރުގެ ލީޑަރު، މޯދީ ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި، ސަލާމަތީ ކަންކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި، އަދި ތަފާތު ބަސްބަހުން ވާހަކަދައްކާ މީހުންނަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގައި އިންޑިއާގެ އީޖާދުވެރިން ކުރާ މަސައްކަތުން އެކަންކަން ފެނިފައިވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

އިންޑިއާގައި އޭއައިގެ ސަބަބުން މީހުން ބާރުވެރިވަމުންދާ ކަމުގެ މިސާލުތައް މިހާރުވެސް އެބަހުރި ކަމަށާއި އެގޮތުން ދާދި ފަހުން، އިންޑިއާގެ ކިރުގެ ކޯޕަރޭޓިވް "އަމުލް" އިން ތައާރަފުކުރި އޭއައި ޑިޖިޓަލް އެސިސްޓަންޓް "ސަރްލާބެން" އިން ދަނީ 3.6 މިލިއަން ކިރު އުފައްދާ ދަނޑުވެރިންނަށް [މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ] ގެރިބަކަރީގެ ސިއްހަތާއި އުފެއްދުންތެރިކަމާ ބެހޭ މައުލޫމާތު އެމީހުންގެ އަމިއްލަ ބަހުން ވަގުތުން ފޯރުކޮށްދެމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެފަދައިން، "ބާރަތު ވިސްތާރު" ކިޔާ އޭއައި ޕްލެޓްފޯމަކުން ދަނޑުވެރިންނަށް މޫސުމުން ފެށިގެން ބާޒާރުގެ އަގުތަކާ ހަމައަށް ހުރިހާ މައުލޫމާތެއް ތަފާތު ބަސްބަހުން ފޯރުކޮށްދީ، އެމީހުން ބާރުވެރިކުރުވުމުން އަންނަ ކަމަށް މޯދީ ވިދާޅުވިއެވެ.

އިންސާނުންނަކީ ދުވަހަކުވެސް މެޝިންތަކަށް ބޭނުންވާ ހަމައެކަނި ޑޭޓާ ނުވަތަ ރޯ މެޓީރިއަލްއަކަށް ވެގެންނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެއެވެ. އޭގެ ބަދަލުގައި، އޭއައި ވާންޖެހޭނީ ދުނިޔޭގެ ހެވާއި ލާބައަށް ބޭނުންކުރާ ވަސީލަތަކަށް ކަމަށް މޯދީ ވިދާޅުވިއެވެ.

އޭއައި އަކީ "ގްލޯބަލް ސައުތު" (ތަރައްގީވަމުން އަންނަ ގައުމުތަކަށް) ކުރިއެރުމުގެ އައު ދޮރުތަކެއް ހުޅުވައިދޭ އެއްޗަކަށް ވާންޖެހޭ ކަމަށްވެސް މޯދީ ސިފަކުރެއްވިއެވެ. އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށްޓަކައި، އިންސާނުންނަށް އިސްކަންދޭ އޭއައި ގަވާނަންސްއަކަށް އިންޑިއާއިން ވަނީ "މާނަވް" ފްރޭމްވޯކް ހުށަހަޅާފައެވެ.

މާނަވްގެ އަކުރުތައް ގުޅިފައިވާ ގޮތް:

  • M – އަހްލާގީ އަދި އުސޫލީ ނިޒާމުތައް
  • A – ޒިންމާދާރު ގަވާނަންސް
  • N – ގައުމީ ސިޔާދަތު
  • A – އަތްފޯރާފަށުގައި އަދި އެންމެން ބައިވެރިކުރުން
  • V – ސައްހަ އަދި ގާނޫނީ