ދިއްލީގެ ޕްރަގަތީ މައިދާނުގައި މިހާރު ކުރިއަށްދާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ތަގުރީރުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އާދަޔާ ހިލާފު ކުރިއެރުމެއް ވަނީ ދައްކާލާފައެވެ.

އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު، އޭއައި ބޭނުންކޮށްގެން އެ ތަގުރީރު ވަގުތުން ވަގުތަށް އިޝާރާތުގެ ބަހަށް (ސައިން ލޭންގުއޭޖް) ތަރުޖަމާ ކުރެވެމުން ދިޔައެވެ.

ބޮޑުވަޒީރު މޯދީގެ ތަގުރީރު ކުރިއަށް ދިޔައިރު، އެމަނިކުފާނުގެ ފަހަތުގައި ހުރި ބޮޑު ސްކްރީނަކުން އޭއައި ބޭނުންކޮށްގެން އެ ތަގުރީރު ވަގުތުން އިޝާރާތުގެ ބަހަށް ތަރުޖަމާކޮށްދޭ އެނިމޭޝަނެއް ދައްކަމުންދިޔައެވެ. މިއީ އޭއައިގެ ޒަރީއާއިން މުވާސަލާތު ކުރުމުގައި ހުރި ހުރަސްތައް ނައްތާލެވިދާނެ ކަމުގެ އަމަލީ ނަމޫނާއެކެވެ.

ތަގުރީރުގައި ބޮޑުވަޒީރު ވިދާޅުވީ، އިންޑިއާއިން މުސްތަގުބަލު ދެކެނީ އޭއައި އިން ކަމަށާއި، އެކަމަށް ބޭނުންވާ ހުނަރާއި، ހަކަތައާއި، ސިޔާސަތުގެ ސާފުކަން އެ ގައުމުގައި އެބަހުރި ކަމަށެވެ. އަދި އޭއައި އަކީ އެންމެންނަށް ބޭނުންކުރެވޭ ފަދަ އެއްޗަކަށް ހެދުމަށް ގޮވާލައްވައި، އޭއައި ކުރިއެރުވުމުގެ މިންގަނޑަކަށް ވާންޖެހޭނީ އެންމެންގެ ލާބައާއި އުފާވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭއައި އަކީ އެންމެންނަށް ބައިވެރިވެވޭ އެއްޗަކަށް ވާންޖެހޭ. އިންސާނުންނަކީ ހަމައެކަނި ޑޭޓާ ޕޮއިންޓަކަށް ވެގެން ނުވާނެ. މިއީ ހާއްސަކޮށް ގްލޯބަލް ސައުތުގެ ގައުމުތަކަށް އެންމެން ބައިވެރިކުރުވުމާއި ބާރުވެރިކުރުވުމުގެ ވަސީލަތަކަށް ވާންޖެހޭ،" ބޮޑުވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އޭއައި އަށް ހުޅުވިފައިވާ އުދަރެހެއް ދޭންޖެހޭއިރު، އޭގެ ކޮންޓްރޯލް އަބަދުވެސް އޮންނަންވާނީ އިންސާނުންގެ އަތްމަތީގައެވެ.

މި ސަމިޓުގައި ބޮޑުވަޒީރު މޯދީ ވަނީ އޭއައި އާއި އޭގެ ސަބަބުން މުޖުތަމައަށް ކުރާނެ އަސަރުތަކާ ގުޅޭ 'މާނަވް' (MANAV) ތަސައްވަރު އިފްތިތާހުކޮށްދެއްވާފައެވެ. މި ތަސައްވަރުގެ ދަށުން އަހުލާގީ ނިޒާމުތަކާއި (Moral)، ޒިންމާދާރުވެރި ވެރިކަމާއި (Accountable)، ގައުމީ ސިޔާދަތާއި (National Sovereignty)، އެންމެން ބައިވެރިކުރުމާއި (Accessible) އަދި ގާނޫނީ ސައްހަކަން (Valid) ހިމެނެއެވެ.

ނިންމަވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، އޭއައި އަކީ ތާރީހުގައި އަންނަ މުހިންމު ބަދަލެއް ކަމަށާއި، މިއީ ތަމައްދުނުތަކުގެ މިސްރާބު ކަނޑައަޅައި، ގައުމުތަކުގެ ކުރިމަގު ބައްޓަންކުރާނެ ކަމެއް ކަމަށެވެ. އޭއައިގެ ސަބަބުން މެޝިންތައް ތޫނުފިލިވަމުންދާއިރު، އިންސާނުންގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.