އިންޑިއާ އާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުގައި ދެ ގައުމުންވެސް އަމަލީގޮތުން ބައިވެރިވަމުންދާ ކަމަށް، އެމެރިކާއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު ސާޖިއޯ ގޯ، ދިއްލީއަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެއްޖެއެވެ.

އެ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެން ބާއްވާ ފޯނު ކޯލު އަންގާރަ ދުވަހަށް ތާވަލުކުރެވިފައިވާ ކަމަށް ގޯ ވިދާޅުވި ނަމަވެސް، އޭގައި ބައިވެރިވާނީ ކޮން ބައެއްކަމުގެ ތަފްސީލެއް ނުދެއްވައެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދެމެދުގައި އޮތް އެކުވެރިކަމަކީ ހަގީގީ އެކުވެރިކަމެއް ކަމަށާއި، "ހަގީގީ އެކުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، އެންމެ ފަހުން އެކަންކަން ހައްލުކުރާނެ" ކަމަށެވެ.

ގޯ މިހެން ވިދާޅުވެފައި މިވަނީ، އެއްބަސްވުމުގައި ސޮއިކުރުން ލަސްވަނީ އިންޑިއާގެ ސަބަބުން ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ތުހުމަތުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ނަމަވެސް ދިއްލީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު، އިންޑިއާގެ މުދަލުން %50 ޓެރިފް ނެގުމަށް އެމެރިކާއިން އޮގަސްޓް މަހު ނިންމި ހިސާބުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ މަޝްވަރާތަކަށް ވަނީ ހީނަރުކަން އައިސްފައެވެ.

މިއީ އޭޝިއާ ސަރަހައްދުގައި ނަގާ އެންމެ ބޮޑު ޓެރިފްއެވެ. މީގެ އިތުރުން، އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާއަށް އެމެރިކާއަށް ބޮޑަށް ވަދެވޭނެ މަގު ފަހިކޮށްދިނުމަށް ވޮޝިންޓަނުން ބާރުއަޅަމުންދާއިރު، މިއީ ދިއްލީން ވަރަށް ބޮޑަށް ދެކޮޅުހަދަމުން އަންނަ، ދުވަސްވީ މައްސަލައެކެވެ.

ނޮވެމްބަރު މަހު ވައިޓް ހައުސްގައި މަގާމުގެ ހުވާކުރެއްވި ނަމަވެސް، ގޯ އަދި ރަސްމީކޮށް އިންޑިއާގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައެއް ނުވެއެވެ. ހޯމަ ދުވަހު ދިއްލީގައި ބޭއްވި ހަފުލާއެއްގައި އޭނާއަށް ވަނީ ސަފީރުގެ ހައިސިއްޔަތުން ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިންޑިއާއަށް އެމެރިކާއަށްވުރެ "މުހިންމު ބައިވެރިއަކު ނެތް" ކަމަށާއި، މި ދެ ގައުމުގެ ގުޅުމަކީ މި ގަރުނުގެ "އެންމެ ނަތީޖާ ނެރެދޭ" ގުޅުމަށް ވެގެންދާނެ ކަމަށެވެ.

"ހަނދާންކުރައްވާ، އިންޑިއާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު، އެހެންކަމުން މިކަން ކާމިޔާބީއާ ހަމައަށް ގެންދިއުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އެ އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެން މިތިބީ އަޒުމް ކަނޑައަޅައިގެން،" ގޯ ވިދާޅުވިއެވެ.

އަދި ސަލާމަތީ ކަންކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތާއި، ހަކަތައާއި، ޓެކްނޮލޮޖީއާއި، ތައުލީމު އަދި ސިއްހީ ދާއިރާ ފަދަ "އެހެނިހެން މުހިންމު ދާއިރާތަކުން" ވެސް ދެ ފަރާތުން ގާތުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕާއި މޯދީގެ ގުޅުން ކުރިން ވަރަށް ގާތްކޮށް ފެނުނު ނަމަވެސް، ފަހަކަށް އައިސް އެ ގުޅުން ވަނީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. ވިޔަފާރީގެ މައްސަލަތަކުން ފެށިގެން، ޕާކިސްތާނާއެކު އޮތް ހަމަނުޖެހުންތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމާ މެދު އިންޑިއާގެ ގެންގުޅޭ ސިޔާސަތާ ހަމައަށް ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ދެ ބޭފުޅުން އަދިވެސް ދޭތެރެ ދޭތެރެއިން ފޯނުން ވާހަކަދައްކަވައެވެ.

ހުކުރު ދުވަހު އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އެތައް ފަހަރަކު އެއްބަސްވުމަކާ "ވަރަށް ގާތަށް" ދެވުނު ކަމަށާއި، އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އިންޑިއާ އިން އެ މޭރުމުން ވާހަކަދައްކާފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ އެއްބަސްވުން ހުއްޓިފައިވަނީ މޯދީ ޓްރަމްޕަށް ފޯނުން ނުގުޅުއްވުމުން ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހޮވާޑް ލަޓްނިކް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.