ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް އެމެރިކާއިން އިންޑިއާއަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައި، މޮސްކޯއިން އިންޑިއާއަށް މެދުކެނޑުމެއްނެތި ތެޔޮ ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވަނީ، އެމެރިކާއިން އަމިއްލައަށް ރަޝިޔާއިން ނިއުކްލިއަރ ފިއުލް ގަންނަމުންދާއިރު، ތެޔޮ ގަތުމުގެ ސަބަބުން އިންޑިއާއަށް އަދަބު ދޭންޖެހޭ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާގެ ގިނަ އުފެއްދުންތަކުން %50 ގެ ޓެރިފް ނަގަން ނިންމަވާފައެވެ. އެމަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުމަކީ ޔޫކްރެއިން ހަނގުރާމައަށް ފަންޑުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ނަމަވެސް އިންޑިއާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. ޕޫޓިންގެ މި ދަތުރުފުޅު މިދިމާވީ، ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ އެއްބަސްވުމަކަށް އައުމަށްޓަކައި އެމެރިކާއިން ރަޝިޔާއާއި ޔޫކްރެއިނާއެކު ސިލްސިލާ މަޝްވަރާތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ.

ބުރާސްފަތި ދުވަހު 'އިންޑިއާ ޓުޑޭ' އަށް ދެއްވި އިންޓަވިއުއެއްގައި ޕޫޓިން ވިދާޅުވީ، ހަނގުރާމަ ނިންމުމަށްޓަކައި "ސުލްހަވެރި ހައްލެއް" ހޯދުމަށް ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޔޫކްރެއިން ސިފައިން ޑޮންބާސްއިން ފޭބުމަށް ނުވަތަ ރަޝިޔާއިން އެ ސަރަހައްދު ހިފާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

"ނޫނީ އަހަރެމެން ބާރުގެ ބޭނުންކޮށްގެން އެ ސަރަހައްދުތައް މިނިވަންކުރާނަން، ނުވަތަ ޔޫކްރެއިންގެ ސިފައިން އެ ސަރަހައްދުތަކުން ފައިބާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މޯދީ ވަނީ ޔޫކްރެއިން ހަނގުރާމައިގައި އިންޑިއާއަކީ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއް ނޫން ކަމަށާއި، އިންޑިއާ އޮތީ "ސުލްހައިގެ ފަރާތުގައި" ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

އަދި ހަނގުރާމަ ނިންމުމަށް "ދާއިމީ" ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވިއެވެ. މީގެ އިތުރުން، ރަޝިޔާއާއި އިންޑިއާގެ ދެމެދުގައި އޮންނަ "ގުޅުން" އިތުރުކުރުމަކީ އިންޑިއާގެ "ބޮޑު އިސްކަމެއް" ދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފާއިތުވި މަސްތަކުގައި، ޓެރިފްގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުނުވުމުގެ ސަބަބުން، އިންޑިއާއާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ޓްރަމްޕް ފުރަތަމަ އިންޑިއާއަށް %25 ގެ ޓެރިފްއެއް ކަނޑައެޅުއްވި ނަމަވެސް، ފަހުން ވަނީ ރަޝިޔާގެ ތެޔޮ ގަތުމުގެ އަދަބެއްގެ ގޮތުން އިތުރު %25 އިތުރުކުރައްވާފައެވެ.

އޭރު އިންޑިއާ ސަރުކާރުން މި ފިޔަވަޅަކީ "ބޭއިންސާފު، އަދި އެއްވެސް އަސާސެއް ނެތް" ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

'އިންޑިއާ ޓުޑޭ' އަށް ދެއްވި އިންޓަވިއުގައި ޕޫޓިން ވަނީ ރަޝިޔާގެ ތެޔޮ ގަތުމުގެ ސަބަބުން އެމެރިކާއިން އިންޑިއާއަށް ކުރިމަތިކުރާ ޓެރިފްތަކަށް ފާޑުވިދާޅުވެފައެވެ. އަދި އެމެރިކާއަށް ލިބިފައިވާ ފުރުސަތުތައް އިންޑިއާއަށްވެސް ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އެމެރިކާއިން އަމިއްލައަށް އަދިވެސް އެގައުމުގެ ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކަށް ބޭނުންވާ ނިއުކްލިއަރ ފިއުލް އަހަރެމެންގެ އަތުން ގަނޭ. އެމެރިކާއަށް އަހަރެމެންގެ ފިއުލް ގަތުމުގެ ހައްގު އޮތްނަމަ، އިންޑިއާއަށް އެ ފުރުސަތު ނޯންނަންވީ ކީއްވެ؟" އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

ޑިޕާޓްމަންޓް އޮފް އެނާޖީގެ ތަފާސްހިސާބުތަކާ ހަވާލާދީ ސެޕްޓެމްބަރު މަހު ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުވެސް އެމެރިކާއަށް އެންމެ ގިނައިން ނިއުކްލިއަރ ރިއެކްޓަރ ފިއުލް ފޯރުކޮށްދިން ގައުމަކީ ރަޝިޔާއެވެ. އެ ގައުމުން އެންރިޗްޑް ޔުރޭނިއަމް އެތެރެކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފައިވަނީ މިއަހަރުގެ މޭ މަހުގައެވެ.