ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެމެޒޯން އާއި މައިކްރޯސޮފްޓުން ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާއަށް ޖުމްލަ 52.5 ބިލިއަން ޑޮލަރު (39.4 ބިލިއަން ޕައުންޑް) އިންވެސްޓް ކުރުމުގެ މަޝްރޫއެއް އިއުލާންކޮށްފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ޑިޖިޓަލައިޒް ކުރުމާއި، އެކްސްޕޯޓް އިތުރުކުރުމާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށްޓަކައި 2030 ވަނަ އަހަރާ ހަމައަށް އިންޑިއާއަށް 35 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް އެމެޒޯން އިން ބުދަ ދުވަހު ބުނެފައިވެއެވެ.

މިއީ އިންޑިއާގެ އޭއައި އިކޯސިސްޓަމް ވަރުގަދަކުރުމަށް މައިކްރޯސޮފްޓުން 17.5 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމިތާ އެއް ދުވަސް ފަހުންނެވެ.

އޭއައި އަދި ކްލައުޑް އިންފްރާސްޓްރަކްޗާގެ މުހިންމު މަރުކަޒަކަށް ވަމުން އަންނަ އިންޑިއާއަށް، ފަހަކަށް އައިސް ދުނިޔޭގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އޮކްޓޯބަރު މަހު ގޫގުލް އިން ވަނީ އޭއައި ޑޭޓާ ހަބެއް ބިނާކުރުމަށް 15 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އިއުލާންކޮށްފައެވެ. އަދި މި ހަފުތާގެ ކުރީކޮޅު އިންޓެލް އިން ވަނީ މުމްބާއީގެ ޓާޓާ އިލެކްޓްރޯނިކްސް އާއެކު މަސައްކަތްކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ޓާޓާ އިލެކްޓްރޯނިކްސް އަކީ 14 ބިލިއަން ޑޮލަރުގެ ސެމީކޮންޑަކްޓަރު އުފެއްދުމުގެ މަޝްރޫއެއް ކުރިއަށްގެންދާ ކުންފުންޏެކެވެ. އަންގާރަ ދުވަހު މައިކްރޯސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެއްލާއާ ބައްދަލުކުރެއްވުމަށްފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އޭއައި އަށް ބަލާއިރު، ދުނިޔެ އޮތީ އިންޑިއާއާ މެދު އުންމީދުން ފުރިފައި" ކަމަށެވެ.

އެމެޒޯން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް އިންވެސްޓްކުރާ 35 ބިލިއަން ޑޮލަރާއެކު، އެ ކުންފުނިން އިންޑިއާގައި އިންވެސްޓްކުރި ޖުމްލަ އަދަދު 40 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. މިއާއެކު އެ ކުންފުނި ވެގެންދާނީ އިންޑިއާގައި އިންވެސްޓްކުރާ އެންމެ ބޮޑު ބޭރުގެ ކުންފުންޏަށެވެ. މި އިންވެސްޓްމަންޓްގެ ބޮޑު ބައެއް ހޭދަކުރާނީ އެ ގައުމުގެ ކްލައުޑް އަދި އޭއައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށެވެ.

މައިކްރޯސޮފްޓްގެ މި އާ އިންވެސްޓްމަންޓަކީ މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން އިއުލާންކުރި 3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ފަހު ކުރާ އިންވެސްޓްމަންޓެކެވެ. މައިކްރޯސޮފްޓުން ބުނި ގޮތުގައި، މީގެ ތެރޭގައި އިންޑިއާގެ ދެކުނުގެ ހައިދަރުއާބާދު ސިޓީގައި ގާއިމުކުރާ "ހައިޕަރސްކޭލް ކްލައުޑް ރީޖަން" (ޑޭޓާ ސެންޓަރުތަކުގެ ކްލަސްޓާއެއް) ހިމެނެއެވެ. މިއީ 2026 ވަނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެ ތަނެކެވެ.

ޑޭޓާ ސެންޓަރުތަކަކީ ކޮމްޕިއުޓަރު ސާވަރުތަކާއި، އައިޓީ އިންފްރާސްޓްރަކްޗާ އަދި ނެޓްވޯކް އިކުއިޕްމަންޓްތައް ބަހައްޓާ މަރުކަޒީ ތަންތަނެވެ. ފެނުގެ ދަތިކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މިއީ އިންޑިއާއިން އިސްކަންދޭ އޭއައި ވެލިއު ޗެއިންގެ މުހިންމު ބައެކެވެ.

މީގެ އިތުރުން، އިންޑިއާއަށް މައިކްރޯސޮފްޓްގެ "ސޮވެރިން ޕަބްލިކް ކްލައުޑް" ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ސިއްރު މައުލޫމާތުތައް ގައުމުން ބޭރަށް ނުފޮނުވައި، ޑޭޓާ އާއި އެޕްލިކޭޝަންތައް ހިންގުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އިންޑިއާގައި ކުރާ މި އިންވެސްޓްމަންޓަކީ ކެނެޑާ، ޕޯޗުގަލް އަދި ޔޫއޭއީ ފަދަ ގައުމުތަކުގައި އޭއައި ފުޅާކުރުމަށް މައިކްރޯސޮފްޓުން ކުރާ 23 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ބައެކެވެ.

މިއީ އެމެޒޯން އަދި ގޫގުލް ފަދަ ވާދަވެރި ކުންފުނިތަކާ ކުރިހޯދުމަށް ކުރާ މަސައްކަތެކެވެ. މައިކްރޯސޮފްޓުން ބުނި ގޮތުގައި، އިންޑިއާ ސަރުކާރުގެ ޕްލެޓްފޯމްތަކުގައި އޭއައި ހިމަނައި، ގާތްގަނޑަކަށް 310 މިލިއަން ނުރަސްމީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެ ކުންފުނީގެ އަމާޒެކެވެ.

މި އިއުލާންތައް އައިސްފައިވަނީ އިންޑިއާގައި ސެމީކޮންޑަކްޓަރު އުފެއްދުމުގެ މަސައްކަތްތައް ހަލުވިކޮށް، އަމިއްލަ ގައުމުގައި ޗިޕް އުފެއްދުމުގެ ސިނާއަތެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާއަކީ އެއް ބިލިއަން އިންޓަނެޓް ބޭނުންކުރާ މީހުންނާއި ޓެކްނޮލޮޖީގެ ހުނަރުވެރިން ގިނަ، އޭއައިގެ ބޮޑު މާކެޓެއް ނަމަވެސް، އެ ގައުމު އަދިވެސް އޮތީ ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ވުރެ ފަހަތުގައެވެ. އެހެންނަމަވެސް، ޗިޕް ފަދަ މުހިންމު ކޮމްޕިއުޓިން ޓެކްނޮލޮޖީތަކަށް އިންޑިއާއިން ދަނީ ބިލިއަނުން އިންވެސްޓްމަންޓްތައް ހޯދަމުންނެވެ.

ސަރުކާރުގެ "ސެމީކޮންޑަކްޓަރު މިޝަން" ގެ ދަށުން ޗިޕް އުފައްދާ ކުންފުނިތަކަށް ބޮޑެތި ސަބްސިޑީތައް ދަނީ ދެމުންނެވެ. އިންޑިއާގެ އަމިއްލަ އޭއައި މޮޑެލް އަންނަ އަހަރުގެ ފެބްރުއަރީ މަހު ދައްކާލާނެ ކަމަށް ވެސް ބެލެވެއެވެ.