ކުރިއަށް އޮތް ލޯކަން ކައުންސިލް އިންތިހާބު "ލޮނދި ހިކައެއް" ސަރުކާރަށް ބީވެގެންދާ އުސޫލުން ކައުންސިލް އިންތިހާބު އެމްޑީޕީން "ޖަހައިގަންނާނެ" ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ރޭ ވިދާޅުވެއްޖެއެވެ.

ގަފޫރު އިޝާރާތް ކުރެއްވި ހިކައަކީ ފަރުމަހެކެވެ. ހިކައިގެ އެކި ބާވަތްތައް ހުރެއެވެ. އެ މަހުގެ ބޭރު ފުށުގައި ލޮނދިކަމެއް ހުންނާނެއެވެ. އެ މަސް އަތުން ހިފުމަކީ ނާދިރުކަމެކެވެ. އެއީ ދިވެހިން އާއްމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ.

ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަފޫރު ރޭ ވިދާޅުވީ ކައުންސިލް އިންތިހާބަށް ނުކުންނަނީ ޝައްކެތް ނެތި، އުންމީދާ އެކު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ މެމްބަރުން ކުރަންވީ ކަމަކީ އުފެދޭ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށްފައި ގަދަކޮށް އެމްޑީޕީއާ އެކު ތިބުން ކަމަށެވެ.

"އަޅުގަނޑު މި ދޭ ޔަގީންކަމަކީ އަތުން ލޮނދި ހިކައެއް ބީގެންވާ އުސޫލުން، މި އިންތިހާބު އަޅުގަނޑުމެން ޖަހައިގަންނާނަން،" ކޮންމެ ހަފްތާއަކު ބާއްވަމުން ގެންދާ ހަރުގެ ޖަލްސާގައި ރޭ ގަފޫރު ވިދާޅުވިއެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ގަފޫރު ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

އޭނާ ވިދާޅުވީ އުފެދޭ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި "ނުކަސިޔާރު" ކަންތައް ކުރަންވެއްޖެނަމަ، އެމްޑީޕީން ބޭނުންވާ އަދަދަށް ކައުންސިލްތަކުގެ ގޮނޑިތަކެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ހައްގުގައި ޕާޓީގެ މަސްލަހަތަށް ބަލައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ގަފޫރު އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރާތްކޮށް، ގަފޫރު ރޭ ވިދާޅުވި ގޮތުގައި ކޮވިޑް19ގެ ދަތި ހާލަތަަށް ވުރެ، ނިކަމެތި ހާލަތުގައި ދިވެހިން ދިރިއުޅެން ޖެހިފައިވެއެވެ. އެކަމުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށާއި ދައުލަތް ދަރާފައި އޮތް ދަރަންޏެއްގެ ވާހަކަ ދައްކައިގެން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ސަރުކާރުން އުޒުރުވެރިވަމުންދާ ކަމަށް ގަފޫރު ވިދާޅުވިއެވެ.

މިދިޔަ އަހަރު 54 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށް، ސަރުކާރާ ހަވާލު ކުރި ކަމަށާއި ނަމަވެސް ރާއްޖޭގައި ފެންނަން ހުރީ އެފަދަ ބަޖެޓަކުން، ވާންޖެހޭ މަސައްކަތްތޯ ގަފޫރު ސުވާލު ރޭ އުފެއްދެވިއެވެ.

މި ފެށުނު 2026 ވަނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް، ސަރުކާރަށް ދީފައިވާ ކަމަށާއި އެ ބަޖެޓުން މިއަހަރު ވެސް ސަރުކާރަށް ކަމެއް ކުރެވޭނެތޯ ގަފޫރު ސުވާލު އުފެއްދެވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދުމަށްޓަކާ މި ސަރުކާރަށް 174 ބިލިއަން ރުފިޔާ ހަވާލު ކުރި ކަމަށް ވިދާޅުވެ، ގަފޫރު ސުވާލެއް ކުރެއްވިއެވެ. "ކޮން ރަށެއްގައި، ކޮން ކަމެއްތޯ ކުރީ؟"

ދައުލަތުގެ ދަރަނި މިއަހަރު ނިމޭއިރު ހުންނާނީ 168 ބިލިއަން ރުފިޔާގައި ކަމަށާއި ނިމިދިޔަ ސަރުކާރު ދިޔައިރު ދަރަނި ހުންނާނީ 126 ބިލިއަން ރުފިޔާގައި ކަމަށް ގަފޫރު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނީގެ 28 ޕަސެންޓަކީ މި ސަރުކާރުން އުފެއްދި ދަރަނި ކަމަށް ގަފޫރު ވިދާޅުވިއެވެ. ވޭތުވެދިޔަ ހަ ސަރުކާރުގައި ވެސް ނުއުފައްދާ ވަރަށް މި ސަރުކާރުން ދަރަނި އުފައްދާފައިވާ ކަމަށް ވިދާޅުވިއެވެ.

"ރަނގަޅު އެމްޑީޕީ [ވެރިކަމުގައި] ދަރަނި ބޮޑުވެގެންދިޔަ ހާލަތެއް ވެސް އައި. ކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެންނަށް ޖެހުނީ ޚަރަދު ވެސް ކުރަން. އޭގެ އިތުރުން އާމްދަނީ ނުލިބި ހަރަދު ކުރަންޖެހުނީ. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރަނި ބޮޑުވެގެންދިޔަ. އެއީ ހަގީގީ ހާލަތެއް އޮވެގެން ދިމާވި މައްސަލައެއް،" ގަފޫރު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތައް އިތުރުވެގެންދާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ގަފޫރު ވިދާޅުވީ އެމެރިކާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 4،000 ކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 4،100 ވުރެ ގިނަ ސިޔާސީ މަގާމުތައް އެބަ އޮތް ކަމަށެވެ.

އެ މީހުން މުސާރައަށް މަހެއްގެ މައްޗަށް 160 މިލިއަން ރުފިޔާ ޚަރަދު ކުރަމުން ގެންދާ ކަމަށާއި އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ ކަމަށް ގަފޫރު ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ ކައިރިއަށް ގޮސް، ދެ އިންތިހާބު އެއްކޮށްލަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ކަމަށް ބުނުމަކީ ލަދުވެތި ކަމެއް ކަމަށް ގަފޫރު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާ ވާހަކަ ދައްކަނީ ރިޔާސީ ދައުރަށް އިތުރު 10 އަހަރު ހޯދުމަށް ކަމަށް ގަފޫރު ވިދާޅުވިއެވެ.

"މިކަމަށް އަޅުގަނޑުމެން ނޫނެކޭ ބުނަންޖެހޭ ބޮޑުތަނުން. މިއަދު އަޅުގަނޑުމެން ނުބުނި ނޫނެއް މާދަމާއަކު ނާންނާނެ،" ގަފޫރު ވިދާޅުވިއެވެ.