ބޮޑު ކަންނެލީގެ މަސްވެރިން މެދުނުކެނޑި ފަސް ދުވަހު ކުރަމުންދާ އިހްތިޖާޖުގައި ގޮވާލަމުންދާ ވައުދު ފުއްދައި ދިނުމަށާއި ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމަށް ސަރުކާރާ އެކު ކުރަމުންދާ މަޝްވަރާގައި އެދިއްޖެއެވެ. މި މަޝްވަރާތަކަށްފަހު މަސްވެރިން ބުނެފައިވަނީ، ސަރުކާރުން އުފާވާފަދަ ޖަވާބުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ އެކު ބޭއްވި ބައްދަލުވުމަށްފަހު، ވޭލާނާ ބިލްޑިން ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި އޮޑިވެރިއަކު ބުނީ، ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމަކީ ސަރުކާރާ އެކު ކުރަމުންދާ މަޝްވަރާ ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ނަމަވެސް، ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމުން، އިހްތިޖާޖު ހުއްޓާލަން އެއްބަސްވެފައި ނުވާނެ ކަމަށް އެ އޮޑިވެރިޔާ ވަނީ ބުނެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އޮޑިވެރިއެއް ކަމަށްވާ، އަދި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވިދާޅުވީ މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުން ކާމިޔާބު ކަމަށެވެ.

"އަޅުގަނޑުމެންގެ ބައްދަލުވުން ވެސް ކާމިޔާބު. އަޅުގަނޑުމެންނަށް އެއްބަސްވެވޭ، އަދި އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކުގެ ތެރެއިން މިވަގުތުން މިވަގުތަށް ހައްލު ކުރެވެން ހުރި ކަންތައްތަކާއި އަދި ކުރިއަށް އޮތްތާނގައި ހައްލު ކުރަން ހުރި ކަންތައްތަކާއި އެ ބަހުރި ވަރަށް ބައިވަރު ކަންތައްތައް. އެހެންވީމަ އެ ހުރިހާ ކަންތައްތަކަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އަލުގަނޑުމެން މި އުންމީދު ކުރަނީ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، މަސްވެރިން ކުރަމުންދާ އިހްތިޖާޖު ހުއްޓާ ނުލައި ކުރިއަށްދާނެ ކަމަށާއި، ހުށަހަޅާފައިވާ ކަންތައްތައް ހާސިލު ވަންދެން އިހްތިޖާޖު ކުރިއަށްދާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން މަސްވެރިން އުފާވާ ކަހަލަ ރަނގަޅު ޖަވާބުތަކެއް ވަރަށް އަވަހަށް ލިބިގެންދިއުން،" އިމްރާން ވަނީ އުންމީދު ފާޅުކުރައްވާފައެވެ.

މަސްވެރިންގެ އިހްތިޖާޖުގައި އެބައިމީހުން ޑިމާންޑުކޮށްފައި ވަނީ ރިޔާސީ އިންތިހާބުގައި ބޮޑު ކަންނެލީގެ މަސްވެރިންނަށް ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަން ފުއްދައިދިނުމަށެވެ. މި މަޝްވަރާތަކަށްފަހު ވެސް އިހްތިޖާޖު ކުރިއަށްދާނެ ކަމަށް މަސްވެރިން ބުނެފައިވާއިރު، ސަރުކާރުން ދޭނެ ޖަވާބަކަށް ގިނަ ބަޔަކު މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ.

ފިޝަރީޒް މިނިސްޓަރާ އެކު ބޮޑު ކަންނެލި މަސްވެރިން ބޭއްވި މަޝްވަރާތަކަށްފަހު، ވެލާނާގެއިން އިމްރާން ނުކުންނަނީ-- ފޮޓޯ/ ހަތާވީސް

މަސްވެރިން ގޮވާލުން: މި ވައުދު ފުއްދުމަށް

  • މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުން
  • ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުން

މަޝްވަރާތަކުގައި ސަރުކާރުން އެއްބަސްވެފައިވަނީ ވީހާ ވެސް އަވަހަކަށް ސަރުކާރު ވައުދުވި ގޮތަށް ބޮޑު ކަންނެލި ގަންނާނެ ކަމަށެވެ. ގަންނަން ފަށާ އަގަކީ 80 ރުފިޔާއަށް ނުވިޔަސް، އެކަން "ނަމެއްގައި ސަރުކަރުން ފަށާނެ" ކަމަށް މަސްވެރިން ބުންޏެވެ.

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދިޔަ އިހްތިޖާޖައި 49 ދޯންޏެއް ބައިވެރިވިއެވެ. ރައީސް އޮފީހާ ދިމާލުން ކަނޑުއޮޅީގައި އަޅައިގެން ތިބެ، ކުރި އިހްތިޖާޖު ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުވައި، 8 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ހައްޔަރު ކުރި ހަތަރު ދިވެހިންގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާފައިވެއެވެ. އަނެއް ހަތަރު ބިދޭސީން ޑީޕޯޓްކޮށްލުމަށް ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މަސްވެރިން ކުރަމުންދާ އިހްތިޖާޖު، އެއް ނަންބަރު ފާލަމާ ދިމާލު ކަނޑުއޮޅީގައި—

ހައްޔަރު ކުރި މީހުންގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު އަދި ބީކޭއެމްޔޫގެ ސެކަރެޓަރީ ޖެނަރަލް މައުރޫފް ޒާކިރު (މަޓޭ) ސިއްހީ ހާލު ގޯސްވެގެން ހައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނިކޮށް ވަނީ ބަންދުން ދޫކޮށްލާފައެވެ.