އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަށް މާދަމާ ހުޅުވާލާނެ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.
ކައުންސިލް އިންތިހާބަށް އެޕާޓީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.
އެޕާޓީގެ ފަރާތުން ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޕާޓީގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފަލާހް ވިދާޅުވީ އެ ޕްރައިމަރީ ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ވެސް ހަމަޖައްސަވާފައިވާ ފަލާހް ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ބާއްވަނީ އަންނަ މަހު 27 ގައި ކަމަށެވެ.
ޕްރައިމަރީގައި ރަށްރަށުގެ މީހުންނަށް ވޯޓު ލެވޭނީ އެ މީހެއްގެ ރަޖިސްޓްރީ އޮންނަ ރަށެއްގައި ބަހައްޓާ ވޯޓު ފޮއްޓަށް ކަމަށާއި މާލޭގައި ރަށްރަށުގެ ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕްރައިމަރީގައި ވާދަނުކޮށް އެއްވެސް މީހަކަށް ޓިކެޓް ނުދޭނެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް