ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށް ދޮގު ވާހަކަތައް ދެއްކި ދާނެ ކަމަށާއި އެކަމަކު އަޒުމެއް ގުޑުވާ ނުލެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީން މިރޭ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުން ހީނާ ވަނީ އޭނާ އަންހެނަކަށް ވީތީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ފުރައްސާރަތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ.
ދާދިފަހަކާއި ޖެހެންދެން އޭނާ ތަހައްމަލު ކުރަމުންދިޔަ ބައްޔަކާއި ގުޅުވާވެސް އެތައް ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް ހީނާ ވިދާޅުވިއެވެ.
"އަދި ކޮބައިތޯ އަޅުގަނޑށް ކުރިމަތިވި ބައްޔަކާއި މިފަދަ ކަންކަމާ ގުޅުވައި އަޅުގަނޑަށް ފުރައްސާރަ ކުރާނީ ކިހާ އިންސާނިއްޔަތުކަން ކުޑަވީމަތޯ. ކިހާ ދަށުދަރަޖައަށް ވެއްޓުނީމަތޯ،" ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން އެންސްޕާ ހިންގާނެ އޮފީހެއް ހޯދުމަށް ކުރި މަސައްކަތަށް ވެސް އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ހީނާ ވަނީ މި ޖަލްސާގައި ރައްދު ދެއްވަވާ ވާހަކަދައްކަވައިފައެވެ. އެ މަސައްކަތް ކޮށްފައި ވާނީ ވެސް އޮންނަ އުސޫލުން ކަމަށް ހީނާ ވިދާޅުވިއެވެ.
"ކޮންމެ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިޔަ ކަމެއް. އެ ބިޑު ކާމިޔާބުކުރި ފަރާތުން އެދިގެން އެ ބިޑު ބާތިލުކޮށް، ޓާމިނޭޓްކުރީ،" އެންސްޕާ ހިންގާނެ އޮފީހެއް ހޯދުމަށް ހިންގި މުއާމަލާތާއި ގުޅުވައިގެން ދެކެވުނު ވާހަކަތައް ސާފު ކޮށްދެއްވަމުން ހީނާ ވިދާޅުވިއެވެ.
ހީނާގެ ވާހަކަފުޅުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީއެންއެފް އިން ބާއްވާ ޖަލްސާތަކުގައި އޭނާ އަށް ފުރައްސާރަކޮށް ވާހަކަދައްކާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ރައްދު ދިނުމަށް ހެޔޮއެދޭ އެތައް ފަރާތަކުން ހީނާއަށް ގުޅާފައި ވާހަކަދައްކާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް އެއީ އާއިލާ އާއި ދަރިން ދޫކޮށް، މަގުތަކަށް ނިކުމެ، ޔާމީން މިނިވަން ކުރުމަށް ކުރެއްވި ބުރަ މަސައްކަތާއި ގުރުބާނީގެ އަގު ޔާމީނާއި އެމަނިކުފާނުގެ މިހާރުގެ ޕާޓީން ވަޒަންކުރާ ގޮތް ކަމަށް ވިދާޅުވެ އެފަދަ ކަންކަމަށަ ރައްދު ނުދެއްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވި މަހްލޫފު، ޕީއެންސީއާ ގުޅިއްޖެ
މުޅި ދައުލަތް މަސައްކަތް ކޮށްފިއްޔާ ޑުރަގުގެ ވަބާ ފުހެލާނަން: ރައީސް
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓު ކޮށްލަނީ
ބަލިކަށި ކޮށްލަން ދޮގު ވާހަކަތައް ދެއްކިދާނެ، އަޒުމެއް ނުގުޑާނެ: ހީނާ
ޕީއެންސީގެ ޖަލްސާއަށް ކުޑަތަންވެފައި ވަނިކޮށް ޔާމީންގެ ސުވާލެއް!
ޕީއެންސީގެ ޖަލްސާއަށް ބައެއް މަގުތަށް ބަންދުކުރަނީ