ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގިކަމަށް ރިޕޯޓްކުރީ މި އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

މި ކޮންޓެއިނަރުތައް ހިފަހައްޓާފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ފަހު ކޮޅުއެވެ.

ހިފެހެއްޓިތާ ފަސް މަސްވީއިރުވެސް އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ދައުލަތުން ހާމަނުކޮށް ފޮރުވައިގެން ތިބުމުގެ ފަހަތުގައިވަނީ ކޮން ކަމެއް ބާވައެވެ.

ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ފަދަ ގޮތަކަށް އިންތިޚާބަކަށް ފައިސާކޮޅެއް ހޯދަން ސަރުކާރުގެ ބޮޑަކު އަޑީގައި ހުރެގެން ހިންގާލި ހައިސްޓެއް ކަމަށް ގަބޫލުކުރަންވީ ބާވައެވެ.

ފައިސާގެ އަދަދުން ބަލާނަމަ އެފަދަ ޝައްކު ކުރުމުގެ ޖާގަ ލިބެއެވެ.

ދެ ކޮންޓެއިނަރު ފުރާ ސިނގިރޭޓު ހުރިއިރު، މި ތަކެތީގެ ޑިއުޓީއަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރައެވެ.

ވަގަށް ނެގި ކޮންޓެއިނަރުތަކުގައި ހުރީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓެވެ.

ދެ ކޮންޓެއިނަރުގައި މަދުވެގެން ޖުމްލަ 12 މިލިއަނަށްވުރެ ސިނގިރޭޓު ހުއްޓެވެ.

ރީޓެއިލް ރޭޓުގައި މި އިން ފޮއްޓެއް ވިއްކަމުންދަނީ 80 ރުފިޔާއަށެވެ. ޑިއުޓީއަކާ ނުލާ އެތެރެކޮށްލި އަގުހެޔޮ ބްރޭންޑެއްގެ ސިނގިރޭޓް ފޮއްޓެއް މި އަގުގައި ވިއްކާނަމަ އެއީ ކާޓަން އަކަށް 800 ރުފިޔާއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއްޗެއް ވިޔަފާރިވެރިޔަކަށްވިޔަސް ނިކަމެއްޗަކަށް ކަމަށްވިޔަސް ލިބޭނީ ދައުލަތުގެ ތެރެއިން އެ އެއްޗެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެންނެވެ. ދައުލަތުގެ މުވައްޒަފުން އެކަން ކޮށްދީގެން ނުވަތަ އެކަން ކުރާނެ މަގު ފަހިކޮށްދީގެންނެވެ. މިއަދު ސެކިއުރިޓީ ބަލަހައްޓަނީ ހަމައެކަނި އިންސާނުން ބޭނުންކޮށްގެނެއް ނޫނެވެ. ކެމެރާއާއި އެލާމް ސިސްޓަމްވެސް ބޭނުންކޮށްގެނެވެ. ވީއިރު ދެ ކޮންޓެއިނަރު ގެއްލުނުތާ ފަސް މަސް ވީރު ދައުލަތުގެ އިދާރާއަކަށް ރޭކާވެސް ނުލުމަކީ އިހުމާލު ނޫނީ ދައުލަތުގެ ބާރުގަދަ މަގާމެއްގައި ހުރި މީހަކު ރާވައިގެން ހިންގާފައިވާ ކަމެއްކަމަށް ޝައްކު ނުއުފެދޭތޯއެވެ؟

އަތުލައިގަތުމަށްފަހުވެސް ދައުލަތުގެ ސީރިއަސް ކަމެއް ނެތް

ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި ގެއްލެނީއެވެ. ފުލުންގެ ތިޖޫރީން ޑޮލަރު ގެއްލެނީއެވެ. ކަސްޓަމްސްއާއި އެމްޕީއެލްއިން ބަލަހައްޓާ ކޮންޓެއިނަރު ގެއްލެނީއެވެ. ސިފައިންގެ ބަޑި ގުދަނުން ހަތިޔާރު ގެއްލެނީއެވެ. މިފަހަރު ގެއްލުނު ދެ ކޮންޓެއިނަރ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ވީގޮތެއްވެސް ނޭނގި ގެއްލުނީއެވެ. އެ ދެ ކޮންޓެއިނަރު ހުރި ތަނުގައި ހުސް ދެ ކޮންޓެއިނަރު ބަހައްޓާ އޭގެ ތެރޭގައި އައުގުރާނަވެސް ލިޔުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އެއްވެސް އެލާމެއް އެއްވެސް ހިލަމެއްވެސް ވީ މީހަކު ނެތެވެ. ސައުވީސް ގަޑިއިރު ޑިއުޓީކުރާ ހުޅުމާލެ އެމްޕީއެލް ޕޯޓްގައި އެ ދުވަހު ޑިއުޓީކުރި ބައެއް އެ މީހުންގެ ސުޕަވައިޒަރެއް ވެސް ނެތީއެވެ. މީހަކު ނޭފަތް ކަހާލިޔަސް ވީޑިއޯ ނަގައިގެން ދައުރުކުރާ ސީސީޓީވީ ކެމެރާތައް ވެސް ނިވާލެވުނީ ދައުލަތުގެ މުވައްޒަފުންތަކެއްގެ މަސައްކަތުން ނޫންހެއްޔެވެ؟

އެހެން ބައެއްގެ ބައިވެރިވުމެއް ނެތް

މަނާތަކެތި ޖަލަށް ވައްދަނީ ޖަލު އޮފިސަރުންގެ އެހީގައެވެ. އެފަދަ ބޮޑު ނެޓްވޯކެއް އަތުލައިގަނެވި އެމީހުންގެ އެކައުންޓް ޓްރާންސްފަރތައް ބެލިއިރު އެ މީހުންތިބީ ހެޔޮވަރު މަހުޖަނުން ގޮތުގައެވެ. ދައުލަތުގެ މުވައްޒަފުން ސިޔާސީ ބާރުވެރި ފަރާތްތަކާ ގުޅިގެން ހިންގާ ޖަރީމާތަކުގައި ދުރުތިބީން ޒިންމާ ނަގަންޖެހޭއިރު ދައުލަތުގެ ތެރެއިން އެހެން ބައެއްގެ ބައިވެރިވުމެއް އޮތްތޯވެސް ފުލުހުންގެ ގަދަފަދަ އިންޓެލިޖެންސް އަށް ހޯދޭ ކަމަކަށް ނުވެއެވެ.