ގެސްޓު ހައުސް ވިޔަފާރި ފުޅާވެ، ބިމުގެ އަގު އުފުލެމުންދާ ވ. ރަކީދޫއިން މީހުން ފޭބުމުގެ ވިސްނުމެއް ނެތް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރަކީދޫއަކީ ވ. އަތޮޅުގެ އެންމެ ކުޑަ އާބާދީއެވެ. ރަޖިސްޓްރީގައި 376 މީހުން އެބަ ތިއްބެވެ. ނަމަވެސް ދިރިއުޅެނީ 61 މީހުންނެވެ.
ފަސް ހެކްޓަރު މި ރަށުގައި ދެ ގެސްޓްހައުސް ހިންގަމުންދާއިރު، އިތުރު ތިން ގެސްޓްހައުސްއެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"ހަތާވީސް"އަށް ދެއްވި އިންޓަވިއުއެއްގައި ކައުންސިލް ރައީސް އަބްދު ރަޝީދު މިއަދު ވިދާޅުވީ ރަކީދޫން މީހުން ފޭބުމަށް ބޭނުންވާ ކަމަށް ބުނެ، ފަތުރަމުންދަނީ ހަގީގަތާ ހިލާފަށް ވާހަކަތަކެއް ކަަމަށާއި އެއީ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.
ރަޝީދު ވިދާޅުވީ ރަކީދޫއިން މީހުން ފޭބުމާ ގުޅޭ ގޮތުން ކައުންސިލްގައި މިހާތަނަށް މަޝްވަރާ ކުރެވިފައިނުވާ ކަމަށާއި އޭނާގެ ވިސްނުމަކީ ވެސް އެ ރަށުގައި ދިރިއުޅުން ކަމަށެވެ.
ރައީސް މުއިއްޒު ރަކީދޫއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ރަށުން މީހުން ބޭލުމަށް އެދި އެ ރަށު އަންހެނުން ކޮމިޓީގެ ރައީސާ އާރިފާ މުހައްމަދު ވަނީ ވާހަކަ ދައްކަވާފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި އެ ބައްދަލުވުމުގައި ރަޝީދު ވިދާޅުވީ ރަށުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ނެތި އެފަދަ ކަމެއް ނުނިންމޭނެ ކަމަށެވެ.
ވ. އަތޮޅަކީ ޓޫރިޒަމް ފުޅާވަމުން އަންނަ އަތޮޅެކެވެ. އެ އަތޮޅުގައި އެކަނިވެސް 54 ގެސްޓުހައުސް 716 އެނދާއެކު ހިނގަމުންދެއެވެ. އަތޮޅުގައި ފަސް ރިސޯޓު ވެސް ހިންގަމުންދެއެވެ. މިދިޔަ މަހުގެ ނިޔަލަށް އެ އަތޮޅަށް 48،000 ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރިއެވެ.
ރަކީދޫއާ އެއްގޮތަށް ވ. ތިނަދޫއަކީ ވެސް ރަށުގެ ރަޖިސްޓްރީގައި ތިބި މީހުންގެ ތެރެއިން މަދު ބަޔަކު ދިރިއުޅޭ ރަށެކެވެ. ނަމަވެސް އެ ރަށުގައި ވެސް ޓޫރިޒަމް ވިޔަފާރި ފުޅާވެ، ބިމުގެ އަގު ވަނީ އުފުލިފައެވެ.