މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ނޫސްވެރިންނާ އެކު އާންމުން އިއްޔެ ކުރި އިހްތިޖާޖުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ފުލުހުން އަނިޔާކުރި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް އެމްޑީޕީން މިއަދު ހުށަހަޅައިފިއެވެ.
އެންއައިސީއަށް އެމްޑީޕީން މިއަދު ހުށަހެޅީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ޝާހުގެ ބޮލުގައި ފުލުހުން ހިފައި ދަމައި އަނިޔާކުރި މައްސަލައެވެ.
އެންއައިސީ މައްސަލަ ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ބޭރުގައި ހުންނަވަައި، އެމްޑީޕީގެ އެއް ސްޕޯކްސްޕާސަން އަދި އެ ޕާޓީގެ ލީގަލް ކޮމިޓީގެ މެންބަރު އައިކު އަހުމަދު އީސަ ވިދާޅުވީ ޝާހަށް އަނިޔާކުރި މައްސަލައާ އެކު، އިތުރު މައްސަލަ ވެސް އެ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ވިލިނގިލީ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ އިއްޔެގެ އިހްތިޖާޖުގައި ކުރި އަނިޔާގެ ފޮޓޯތަކާއި ވީޑިއޯތައް މުޅި ސޯޝަލް މީޑިއާ ފުރާލާފައިވާ ކަމަށާއި ނަމަވެސް އެންއައިސީން އަމިއްލަ އިސް ނެގުމަށް އެ މައްސަލަ ނުބަލާ ކަމަށެވެ. އެންއައިސީއަށް ދިޔައީ އެ ސަބަބާހުރެ ކަމަށާއި އަނިޔާވެރި އެފަދަ އަމަލުތަކާ ދެކޮޅަށް އެމްޑީޕީން އަބަދުވެސް ތެދުވާނެ ކަމަށާއި "ނިދާފައި" ތިބި ކޮމިޝަންތައް ހޭލެއްވުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.
މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް، މަޖިލީހުން ފާސްކުރި "ކޮންޓްރޯލް ބިލް"އާ ދެކޮޅަށް އިއްޔެ ހެނދުނުން ފެށިގެން 12 ގަޑިއިރު ވަންދެން ނޫސްވެރިން އިސްވެ ތިބެ، ވަނީ މުޒާހަރާކޮށްފައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ 60 މެމްބަރުންގެ ވޯޓާ އެކު އެ ބިލު އިއްޔެ ފާސްކޮށްފައި ވަނީ އެ ބިލާ ގުޅޭ ގޮތުން ބައިނަލް އަގުވާމީ 22 ޖަމިއްޔާއަކުން ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށެވެ. އަދި އެ ބިލު ފާސްކުރުމާ ގުޅިގެން އެމެރިކާއިން އިއްޔެ ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
މީޑިއާތައް ޖޫރިމަނާކޮށް، ނޫސްތަކުގެ ލައިސަންސް އާއި ރަޖިސްޓްރީ ހިފެހެއްޓޭ ގޮތަށް މީޑިއާ ބިލު މަޖިލީހުން ފާސްކުރުމާ ގުޅިގެން، އެ ބިލާ ދެކޮޅަށް އިހްތިޖާޖު ކުރަމުންދާ ނޫސްވެރިން ބުނެފައި ވަނީ ބިލު ތަސްދީގު ނުކުރުމަށް އެދި އިހްތިޖާޖަށް ނުކުންނާނެ ކަމަށެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަންނަ ގޮތަށް ބިލެއް ފާސްކުރިއަސް، އެ ބިލަށް އަމަލު ނުކުރާނެ ކަމަށް އިހްތިޖާޖު ކުރި ނޫސްވެރިން ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ