ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މަޖިލީހުގެ ތަޅުމުގައި އިއްޔެ ތާއީދުކޮށް ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މީޑިއާތައް އުލުބައިންދަން (އަނިޔާވެރިކޮށް މަރުގެ އަދަބު ދޭން) ޖެހޭ ކަމަށް ވިދާޅުވުމުން އެކަމަށް ފާޑުކީ ސިޔާސީ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފިއެވެ.
ވަޒީފާ އިން ވަކިކޮށްފައި ވަނީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ސައީދު (ކޭޑު) އެވެ.
މީގެކުރިން "ޗެނަލް 13" އަދި "ބޮންތި" ނޫހުގައި ނޫސްވެެރިއެއްގެ ގޮތުގައި މަސައްކަތް ވެސް ކޮށްފައިވާ ކޭޑު މަގާމުން ވަކިކުރިކަން އެންގީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. އިން ރައީސަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ ވަކިކުރި ސީދާ ސަބަބެއް ހާމައެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް މަގާމުން ވަކިކޮށްފައި މިވަނީ، ނޫސްވެރިން "އުލު" ބައިންދަން ޖެހޭ ކަމަށް ފަލާހް ދެއްކެވި ވާހަކައަށް ސޯޝަލް މީޑިއާގައި ފާޑުކީ ފަހުންނެވެ.
ފަލާހް އިއްޔެގެ މަޖިލިސް ޖަލްސާގައި މީޑިއާތައް "އުލު" ބައިންދަން ޖެހޭ ކަމަށް ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ ފަލާހު އަށް ފާޑު ކިޔަމުންނެވެ.
ފަލާހް މިފަދައިން ވިދާޅުވީ އޭނާއާ ވައްތަރު މީހެއްގެ ފޮޓޯ ބޭނުން ކޮށްގެން އޭނާ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ނޫސްތަކުގައި ހަބަރު ޖެހި ކަމަށް ވިދާޅުވެއެވެ.
"ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލުބައިންދަންވީ. އުލުބައިންދަންވީ އިނގޭތޯ ރައީސް. ސީދާ އުލުބައިންދަންވީ އެ ގޮތަށް މަސައްކަތްކުރާ ބޭފުޅުން،" ފަލާހް ވިދާޅުވިއެވެ.
ފަލާހްގެ މި ވާހަކަތައް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ކުށްވެރި ކޮށްފައެވެ.