މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު އޮތީ އެ ވަގުތަކު އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑީއާގެ ކޮންޓްރޯލް ދާ ގޮތަށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފިއެވެ.
މީޑީއާ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު އެ ކައުންސިލުން އާންމު ކުރި ނޫސްބަޔާނުގައި އިއްޔެ ބުނެފައި ވަނީ މީޑިއާ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގިނަ މާއްދާތައް ހިމެނިފައި ހުރި ކަމަށެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު، އާ ކޮމިޝަނެއް އުފައްދަންޖެހޭ ގޮތަށް މީޑިއާ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ހަންނާން އެ ބިލު މަޖިލީހަށް ހުށަހެޅުއްވި، މިއީ ދެ ވަނަ ފަހަރެވެ. އެ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވުމުން، ނޫސްވެރިންނާއި މީޑިއާތަކާއި ޖަމިއްޔާތަކުން ކަންބޮޑުވުންފާޅު ކުރުމުން ބިލު ވަނީ އަބުރާ ގެންގޮސްފައެވެ.
އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހަންނާން އަލަށް ހުށަހެޅުއްވި ބިލު ފަރުމާކޮށްފައިވަނީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލައި، ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ހައްގުތައް މަސްހުނިވެ، އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަކަށް ހިޔަނި އެޅޭ ގޮތަށެވެ.
"ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާއި މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އަމިއްލަ މެމްބަރަކު ހުށަހެޅީކަމުގައިވިޔަސް މިއީ ރިޔާއަތް ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށް މި ކައުންސިލުން ދެކެމެވެ." އެމްއެމްސީގެ ބަޔާނުގައިވެއެވެ.
މީޑިއާ ބިލާ ގުޅިގެން އެމްއެމްސީން ނިންމި ކަންކަން
- ބިލު މަޖިލީހުން ބޭރުކޮށްލުމަށް ކަމާ ބެހޭ ފަރާތްތަކަށް ދެންނެވުން
- ބިލާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ވޯކިން ގްރޫޕެއް ހެދުން
- ބިލުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސާ ބާއްދަލުކުރުން
- ބިލު ބަލައި ނުގަތުމަށް މަޖިލީހުގައި ހިމެނޭ ޕާޓީތަކަށް ދެންނެވުން
- މަޝްވަރާ ކުރުމެއް ނެތި ބިލު ހުށަހެޅުމުން، ބިލަށް ހުށަހެޅާނެ ހިޔާލެއް ނެތް ކަމަށް
"ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ގާއިމުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ނެގެހެއްޓުމަށް މި ދާއިރާއަށް އިތުރު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކައުންސިލުން ގަބޫލު ކުރަމެވެ. އަދި އެކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދޭން ޖެހޭ އެއްބާރުލުން ދިނުމަށް ވެސް މި ކައުންސިލް އޮތީ ތައްޔާރަށެވެ." އެމްއެމްސީގެ ބަޔާނުގައިވެއެވެ.