މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހައިފިއެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްލްހަންނާން އަބޫބަކުރު މަޖިލީހަށް މިއަދު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނެއް އުފައްދަންޖެހޭނެއެވެ.
މާދަމާ ބަހުސް ފެށުމަށް އެޖެންޑާކޮށްފައިވާ ބިލުގައި ބުނެފައިވާ ގޮތުން ބްރޯޑްކާސްޓިން މީޑިއާތަކާއި އޮންލައިން މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާކުރެވޭނެއެވެ.
މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރާ ގޮތް:
- ބްރޯޑްކާސްޓަރުން ޖޫރިމަނާކުރެވޭނީ ލިބޭ އާމްދަނީގެ 10 ޕަސެންޓަށް ވުރެ ބޮޑު ނޫން އަަދަދަކުން
- ނޫސްމަޖައްލާތައް ޖޫރިމަނާކުރެވޭނީ 5،000 ރުފިޔާ އާއި 100،0000 ރުފިޔާއާ ދެމެދު
- ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭނީ 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދު
އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން ތިއްބަވާނެއެވެ. ފަސް އަހަރު ދުވަހަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން ތިން މެންބަރަކު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަނެއް ހަތަރު މެމްބަރުން އިންތިހާބު ކުރާނީ މީޑިއާތަކާއި ނޫސްވެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވާ ގޮތުން ކޮމިޝަނަށް ރައީސަކު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ނައިބު ރައީސް އައްޔަން ކުރާނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ބިލުގެ ދަށުން ކޮމިޝަންގެ ރައީސަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެގޮތުން ގާނޫނުގެ ދަށުން ކޮމިޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތް ރާވައި ހިންގާނީ ކޮމިޝަންގެ ރައީސެވެ. ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓުމާއި މަސައްކަތް ހަވާލު ކުރުމުގެ ހުރިހާ ޒިންމާއެއް ވެސް މަތިކޮށްފައި ވަނީ ކޮމިޝަންގެ ރައީސަށެވެ.
ބިލުގައި ބުނެފައިވާ ގޮތުން މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެފަދަ، ނުވަތަ އިއްޒަތާއި ގަދަރަށް އުނި ކަމެއް އަތުވެދާނެފަދަ ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މުޖުތަމައުގައި ބޭނުންކުރުމަށް އެކަށީގެންނުވާ ބަސްތަކާއި އިޝާރާތާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން އަދި ޝާއިއު ނުކުރުން ހިމެނެއެވެ.