ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި ބަދަލުތަކަކީ ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ހުރި ބަދަލުތަކެއް ކަމަށާއި އެ ކަންބޮޑުވުންތައް "ފިލުވާލަ" ދެއްވުމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް ޢަބްދުލްޙަންނާން ޢައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

ޢަބްދުލްޙަންނާން އެހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަރިކިލަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކުޑަރިކިލު ރައީސް ވިދާޅުވީ ސަރުކާރުތަކާއި ކައުންސިލްތައް ގުޅިގެން ކުރާ މަސައްކަތްތަކުން ލާމަރުކަޒީ ގާނޫނުގެ ފޮނިމީރުކަން "ކޮންމެވެސް ވަރަކަށް" ރައްޔިތުންނަށް ލިބެމުންދާ ކަމަށާއި ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެކި ދުވަސްވަރު ގެންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ.

"އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުން އެ ފާސްކޮށްފައިވާ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބިލަކީ ވަރަށް ގިނަ ކައުންސިލްތަކެއްގެ ކަންބޮޑުވުން އޮތް ބިލެއް. އެހެންވީމަ އިއްޒަތްތެރި ރައީސްގެ އިހުލާސްތެރިކަމާ އެކު، އަޅުގަނޑު މި ދަންނަވަނީ ރައީސް އެކަމާ ވިސްނައިވަޑައިގެން އަޅުގަނޑަށް ޔަގީން ހަމަ ރައީސް އެކަމާ ވިސްނައިވަޑައިގަންނަވާނެ ކަން. އެ ބިލުގައި އެހުރި ކަންބޮޑުވުންތައް ކައުންސިލްތަކަށް ފިލުވާލަ ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއްކަމުގައި ފާހަގަކޮށްލަން،" އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ ކައުންސިލަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކުޑަރިކިލު ކައުންސިލް މެމްބަރުންނާ އކެު -- ފޮޓޯ/ ރައީސް އޮފީސް

ލޯކަލް ކައުންސިލް އެތޯރިޓީ ކުންފުނި ވިޔަފާރި ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ވަނީ ތިން ދުވަހުގެ ތެރޭގައި މަޖިލީހުން ފާސްކޮށްފައެވެ. އެ ބިލުގައިވާ ގޮތުން ކައުންސިލްގެ ދައުރު ނިމެން އެއް އަހަރު އޮތްނަމަ، ވަޒީފާތަކަށް މީހުން ނެގޭނީ ސަރުކާރުގައި ދަންނަވައިގެންނެވެ. އެ ބިލާ ދެކޮޅަށް 80އަށް ވުރެ ގިނަ ކައުންސިލުން ނޫސްބަޔާން ނެރެފައިވެއެވެ.

ރައްޔިތުންގެ ފަރާތުން އެދޭ ކަމެއްގެ ގޮތުގައި ހަންނާން އެދުނީ ކުޑަރިކިލު ކައިރީގައި އޮންނަ ވިނަނެއްފަރު ކުޑަރިކިލަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށެވެ. އެ ފަރުގައި އޮންނަ ފިނޮޅަކީ ބ. ކަމަދޫ އާއި ބ. ކެންދޫއިން ވެސް ބޭނުންކުރާ ފިނޮޅެކެވެ.

ހަޔާތުގައި ކުރާ މަސައްކަތުން ގެދޮރަށް ނުވަދެވިވާ ކަމަށް ފާހަގަކޮށް ހަންނާން ވިިދާޅުވީ އެ ރަށު ރައްޔިތުން ބޭނުންވަނީ ރޯހައުސް ނުވަތަ ފްލެޓް ކަމަށެވެ. އެފަދަ ބޯހިޔާވަހިކަމެއް ހޯދައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.