އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން އަލަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ބުނެފައެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލައި، ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮހެލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މި ބިލު ބަލައިނުގަނެ، މި ބަދަލުތައް ގެނައުމާ ދެކޮޅަށް ތެދުވުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، "ޒަމާންތަކެއް ވަންދެން ވެރިކަން ކުރާ ރަށުގައި މަރުކަޒުކޮށްފައި ހުރި ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައި، ރަށްރަށުގެ ކަންކަމަކީ އެ ރަށްރަށުގެ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުން މެދުވެރިކޮށް ނިންމާ ކަންކަމުގެ ގޮތުގައި ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި ހޯދިފައިވާ ބޮޑު ކާމިޔާބެއް" ކަމަށެވެ.
އެ ޕާޓީން ބުނެފައިވާ ގޮތުގައި، ރަށްރަށުގެ އިޚްތިޞާސް ކަނޑައެޅި، އެ ރަށެއްގެ ވަށައިގެންވާ ގުދުރަތީ ވެށި ބޭނުންކޮށްގެން އާމްދަނީއާއި މަންފާ ހޯދޭ ގޮތަށް ގާނޫނަށް ގެނެވިފައިވާ ބަދަލުތަކަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވުމަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެކެވެ. ނަމަވެސް، މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކާ އެކު ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން އިތުރަށް ފާހަގަކޮށްފައިވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގެ ކައުންސިލްތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި ރަށްރަށުގެ މައްޗަށް ބާރުފޯރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މި ކަމާ ގުޅިގެން، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެ އަޑުއުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކައުންސިލަރުންނާއި އެންމެހާ ރައްޔިތުން އިހުތިޖާޖުކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން ފައްޔާޒް ވިދާޅުވެފައިވަނީ "ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްރަށާ އަތޮޅުތަކާ ސިޓީތައް ހިންގުން. އަލުން އަނބުރާ ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދައެއް ނުކުރެވޭނެ. ކުރިޔަދެވޭ ކަށް ނުވެސްނެތް" ކަމަށެވެ.