ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރު އަހުމަދު މުނައްވަރު އެއްވެސް އެއްޗެއް ވިދާޅުނުވާތީ، އެކަމާ ކަންބޮޑުވުންފާޅުކޮށް މާދަމާ ވީހާވެސް ގިނަ ބަޔަކު އެމްއެމްއޭ ސަރަހައްދަށް ޖަމާވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ގޮވާލައިފިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 12 މެމްބަރުން މިއަދު ވަނީ މަޖިލީހުން ނުކުމެވަޑައިގެން، އެމްއެމްއޭއަށް ވަޑައިގެންފައެވެ. އެތަނަށް އެބޭފުޅުން ވަޑައިގެންނެވީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެދުނު ސިޓީއަށް ޖަވާބެއް ނުލިބިގެންނެވެ.
ގަވަރުނަރު މުނައްވަރާ ބައްދަލު ކުރެއްވުމަށް މަޖިލިސް މެމްބަރުން އެމްއެމްއޭއަށް ވަޑައިގެންނެވުމުން "ވަރަށް ރުންކުރުކޮށް" ޖަވާބު ދެއްވުމަށްފަހު އޭނާ ފިއްލަވާފައިވާ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވިދާޅުވިއެވެ.
އެމްއެމްއޭއިން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީ ޕީޖީ ގްރޫޕުގެ މެމްބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވީ ޑޮލަރުގެ މައްސަލާގައި ކަންބޮޑުވާ އެންމެހާ ބޭފުޅުން މާދަމާ މެންދުރު 11 ޖަހާއިރަށް އެމްއެމްއޭ ސަރަހައްދަށް ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މާދަމާ ވީހާވެސް ގިނަ ރައްޔިތުން، ވިޔަފާރިވެރިން، މި ކަންބޮޑުވުންހުރި އެންމެހާ ފަރާތްތަކުން އަޅުގަނޑުމެންނާ އެކު މާދަމާ 11 ޖަހާއިރު އެމްއެމްއޭ ސަރަހައްދަށް ވަޑައިގެން ދެއްވުމަށް. އަޅުގަނޑުމެން މާދަމާ ވެސް ރައްޔިތުންގެ ހައްގުގައި ގަވަރުނަރާ ބައްދަލުކޮށް، މި މައުލޫމާތުތައް އިތުރަށް އޮޅުންފިލުވާތާ ބަލަން އަންނާނެ ވާހަކަ ދަންނަވާލަން،" ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ބޮޑުވެގެން އުޅެނީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރުމުން ކަމަށް ބުނަމުންދާތީ، އެކަން ދޮގު ކުރައްވައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މުސާ ވިދާޅުވީ މާލީ ކަންކަން ދަންނަ މީހުންނަށް އެކަން ވެގެން އުޅޭ އޮތް އެނގޭނެ ކަމަށެވެ.
"އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕު ކުރިނަމަ، އެ އެއް އަހަރު ތެރޭގައި އެ މައްސަލަ އަންނަން ޖެހޭނެ. އޭގެ ހަތަރު އަހަރު ފަހުން މި މައްސަލަ އައުން މިއީކީ އެކަމެއް ނޫން،" އެމްއެމްއޭ ސަރަހައްދުގައި ހުންނަވައި، ގަފޫރު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ކަޅުބާޒާރުގައި 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. އަދި ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
އެކަމާ ގުޅިގެން އެމްއެމްއޭ ގަވަރުނަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވާއިރު، ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.