އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބުވެވަޑައިގެން، އެ ޕާޓީ ދޫކޮށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނާ އެމްޑީޕީއަށް އަލުން އަނބުރާ ވަޑައިގަންނަވާތީ އެކަމަށް މަރުހަބާ ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވައިފިއެވެ.

ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު މިރޭ ވިދާޅުވީ ވެދިޔަތަން ދޫކޮށްލެއްވުމަށްފަހު، އެމްޑީޕީގެ ވިސްނުން ހުންނަންޖެހޭނީ މުސްތަގުބަލަށް ކަމަށެވެ.

އަޅުގަނޑުމެން މާޒީ ފަހަތަަށް ދޫކޮށްލައިފިން. ކުރިއަށް ދާން ޖެހޭނީ. މާޒީއަކީ އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫން. އެއީ ވެނިފައި އޮތް ކަމެއް. އަޅުގަނޑުމެންގެ މުޅި ވިސްނުން، މުޅި އަމާޒު، މިއަދު ހުންނަންޖެހޭނީ މުސްތަގުބަލަށް.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

"އަޅުގަނޑުގެ އިލްތިމާސަކީ އެމްޑީޕީ [ޑިމޮކްރެޓްސް]ގެ ހުރިހާ ބޭފުޅުންނަށް ތިބޭފުޅުންގެ ހިތްޕުޅުތައް ހުޅުވާލައްވާށޭ. ތިބޭފުޅުންގެ އަތްޕުޅުތައް ހުޅުވާލައްވާށޭ. މުސްތަގުބަލަށް އަމާޒު ހިއްޕަވާށޭ. ވެދިޔަތަން ދިޔަ ދެއްވާށޭ."

ޝާހިދު ވިދާޅުވީ މި އަނިޔާވެރި ސަރުކާރު ބަލިކޮށްލެވޭނެ ކޮންމެ ފޯމިއުލާއަކަށް އަޅުގަނޑުމެން އެންމެން ތިބެންވާނީ ތައްޔާރަށް ކަމަށެވެ.

ޝާހިދު މިރޭ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް، ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރާކަށް ނޫން ކަމަށާއި، މަދުވާ އަދަދަށް ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކައުންސިލްތަކުގެ އަގު ވައްޓާލުމާއި ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުން ނިކުމެ އޮތީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ބަލިވާނެކަން އެނގޭތީކަމަށެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް ޝާހިދު ވާހަކަ ދައްކަވަނީ— ފޮޓޯ/ އެމްޑީޕީ

އަދި ކައުންސިލްތަކުގެ އަގު ވައްޓާލަން ސަރުކާރުގެ އެންމެ އިސްވެރިޔާ ނިކުމެ އެ ހުންނެވީ ގޮތް ހުސްވީމާކަމަށް ވިދާޅުވެ، ޝާހިދު ވަނީ ރައީސް ޑރ. މުއިއްޒުއަށް ފާޑު ވިދާޅުވެފައެވެ. އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި އެޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ފުވައްމުލަކަށް ވައިގެންފައިވަނީ ޕާޓީގެ ހަރަކާތްތައް ހިންގުމާއި ގުޅޭގޮތުން ފުވައްމުލަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކާއި ބެހޭ ގޮތުންވެސް މި ދަތުރުގައި އެބޭފުޅުން މަޝްވަރާކުރައްވާނެއެވެ.ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީ ޓީމަށް ފުވައްމުލަކުން ވިދާޅުވި މަރުޙަބާއިން ދޭހަކޮށްދެނީ އެމްޑީޕީގެ ފަލްސަފާއަށް ރަށުގައި އޮތް ލޯބިކަމަށެވެ.

ފުވައްމުލަކުން ޕީއެންސީގެ ބައެއް ބޭބޭފުޅުން ޝާހިދު އާއި ބައްދަލުކުރެއްވި ކަމަށާއި، އެބޭފުޅުންވެސް ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ޑރ. މުއިއްޒު އިންތިޚާބު ކުރެއްވުމަކީ ހެއްދެވުނު ގޯހެއްކަމަށް ވިދާޅުވަމުން ގެންދަވާކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލްއާއި، މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ އާއި، 19 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރެއްވި 3 މެމްބަރުންނާއި، ޕާޓީގެ ޑެޕިއުޓީ ޗެއާޕަރސަން އަހްމަދު އަބްދުﷲ އާއި، ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން ފުވައްމުލަކަށް ވަޑައިގެންނެވިއެވެ.