ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ކޮންމެ އަހަރަކު ދެމުންގެންދާ ފައިސާ ސަރުކާރަށް ބޭނުންކުރުމުގެ ފުރުސަތު ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭން ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކުގައެވެ. އެގޮތުން ދައުލަތުގެ ޖުމްލަ އާމްދަނީގެ ފަސް ޕަސެންޓް "ބްލޮކް ގްރާންޓް"ގެ ގޮތުގައި ކައުންސިލްތަކަށް ދެމުން ގެންދާތާ މިއަހަރަށް ފަސް އަހަރު ވެދާނެއެވެ. ނަމަވެސް އެ އެހީ ދިނުން މި ސަރުކާރުން ލަސް ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން މިދިޔަ އަހަރު ސަރުކާރަށް ހުށަހަޅާފައިވެއެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އިއްޔެ ހުށަހެޅުއްވި ގަރާރުގެ ބަހުސް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގަރާރަށް ބަހުސް ކުރައްވަމުން މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރި ފައިސާގެ ތެރެއިން 1.7 ބިލިއަނާއި 2.5 ބިލިއަން ރުފިޔާއާ ދެމެދު އަދަދުތަކެއް ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުންނުކޮށް އެބަހުރި ކަމަށެވެ.
ރައްޔިތުންނަށް އެއްޗެއް ލިބޭތީ މައްސަލަ ނުޖައްސަވާ ކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވީ އެ ފައިސާގެ "އެކްސެސް" ސަރުކާރަކަށް ނެތް ކަމަށެވެ.
"މި ފައިސާއަކީ ރައްޔިތުންނަށްޓަކާ މަސައްކަތް ނުކުރާ ފައިސާ، މި ފައިސާގެ އެކްސެސްއެއް މިހާރުގެ ސަރުކާރަކަށް ވެސް ނެތް. ކައުންސިލްތަކަކަށް ވެސް މި ފައިސާ ހަރަދު ކުރެވޭނެ ގޮތްތަކެއް ނެތް. އެހެންކަމަށްވުމާ އެކު މިއީ ހަމައެކަނި ބޭންކުތަކަށް ފައިދާވާ ގޮތަށް، ބޭންކުތަކުގައި ގަނޑުކުރެވިފައިވާ ފައިސާކަމުގައި އަޅުގަނޑު ދަންނަވަންޖެހޭ،" ނާޒިމް ވިދާޅުވިއެވެ.
"މިކަން މި ގޮތަށް އޮއްވައި ދައުލަތުގެ ފައިސާގެ ގޮތުގައި މި ފައިސާ ހުއްޓާ، ކޮންމެ މަހަކު ސަރުކާރުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިގެން، އިންޓްރެސްޓް ވިއްކައިގެން ބްރޯކުރަމުން މި ގެންދަނީ މި ފައިސާ ބޭނުންކުރެވޭ ގޮތެއް، އަދި އަތްލެވޭނެ ގޮތެއް ވެސް، އަދި ނަފާ ލިބޭނެ ގޮތަކަށް ވެސް ނެތީމަ. އެހެންވީމަ މިއީ މި ގާނޫނު އިސްލާހު ކުރަންޖެހޭ މައިގަނޑު އެއް ސަބަބު،" ނާޒިމް ވިދާޅުވިއެވެ.