ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެއް ފަށައިފިިއެވެ.
’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް (ވަން)" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ފައްޓަވާފައި މި އޭޕްރީލް މަހުގެ 17ގައެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދެ ސެޝަނެއް ބާއްވާފައިވާއިރު، އެންމެ ފުރަތަމަ ބޭއްވި ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވެއެވެ. އަދި ކޮންމެ ސެޝަންނަކަށް ނަރުހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކެންސަރު ފަރުވާ ހަރުދަނާކުރުމަށް އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ދިވެހިރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދިނުމެވެ.
އެސްޓީއޯއިން ބުނީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރައްވާ މުހިއްމު ރޯލު ފާހަގަކުރައްވައި، އެކި އިދާރާތަކުގެ އެއްބާރުލުމާ އެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ރާއްޖެ ތައްޔާރުކުރުމަކީ ވެސް އެ ޕްރޮގްރާމުގެ މަގުސަދެއް ކަމަށެވެ.
"ވަން" ޕްރޮގްރާމް އެކުލެވިގެން ވަނީ މައިގަނޑު ހަތަރު ސެޝަނެއްގެ މައްޗަށެވެ.
”އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާ އާއި އެ މީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެވެ. ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. ONE ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.“ ޕްރޮގްރާމް އާ ގުޅޭގޮތުން ކެންސަރ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވެއް ވިދާޅުވިއެވެ.
އެސްޓީއޯގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުމެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ