ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނާއިބު ރައީސްކަމުގެ މަގާމު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނަށް ދެއްވައިފިއެވެ.
މި ދެ ބޭފުޅުންނަކީ ކުރިން ޕީޕީއެމްގެ ނާއިބު ރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ. ނަމަވެސް މިހާރު އެޕާޓީ އަކީ އުވާލާފައިވާ ޕާޓީއެކެވެ.
ޕީޕީއެމް އުވާލުމަށް އެޕާޓީގެ ސެނެޓުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ޕީޕީއެމް އުވާލަން ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ނިންމުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހު ޕީޕީއެމް އުވާލުމުގެ މަސައްކަތްތައް ފަށައިފައެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެޕާޓީ ވަނީ އުވާލައިފައެވެ.
އެއާއެކު ޕީޕީއެމްގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ޕީއެންސީގެ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ނަމަވެސް ޕާޓީގެ އެއްވެސް އިސް މަގާމެއްގައި ނެތެވެ.
ރޭ ޕީއެންސީން ވަނީ އެޕާޓީގެ މިއަހަރުގެ މެންބަރުން މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ޕީޕީއެމް އުވިގެންދިޔައިރު އެޕާޓީގެ ސެނެޓްމެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާއި ގުޅިވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ރަސްމީކޮށް ޕީއެންސީއާ ގުޅިވަޑައިގެން އެބޭފުޅުންގެ އިގުރާރު ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަނީ ހަވާލު ކުރައްވައިފައެވެ.
ޝިޔާމާއި ޣައްސާނަށް ޕީއެންސީގެ ނާއިބު ރައީސްކަން ދީފައި ވަނީ ވެސް އެ ބައްދަލުވުމުގައެވެ. އެ ދެ ބޭފުޅުންނަށް ނާއިބު ރައީސްކަން ދެއްވުމަށް ހުށަހެޅުއްވީ ސީދާ ރައީސް މުއިއްޒެވެ. އެ ހުށަހެޅުއްވުން ފާސްވީ އަގުލަބިއްޔަތުންނެވެ.