ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 12 މެމްބަރުންގެ ސޮޔާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައެވެ.

އެ މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ހެންވޭރު ގުދަނެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައި އޭނާގެ އާއިލާ މީހަކު ބައިވެރިވެފައި އޮތްކަން މިހާތަނަށް ތަހުގީގުން އެނގެން ނެތް ކަމަށެވެ. އަދި އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު އެ މައްސަލާގައި ޝާމިލުވާ ކަމަށް ބަޔަކު ބުނި ނަމަވެސް، އެކަމުގައި އެފަދަ ކުއްޖަކު ބައިވެރިވިކަން ފުލުހުން ނިންމާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ އާއިލީ މީހަކު ޝާމިލުވާކަމަށް ތަހުގީގުން އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނެތް. އަދި ހާމަކޮށްފައިވާކަން އަޅުގަނޑަށް އެނގިފައެއް ވެސް ނެތް،" އަމީން ވިދާޅުވިއެވެ.

"ބުނެވިދިޔަ ހާދިސާއާ ގުޅިގެން އަޅުގަނޑު ސިއްރު ކުރާނެ ކަމެއް ނޯންނާނެ. ބުނެވިދިޔަ ހާދިސާ ހިނގިއިރު އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި،" އަމީން ވިދާޅުވިއެވެ.

އާންމުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އުމްނުއާ އެކު، ނުވަ ޒުވާނަކު މިދިޔަ މަހުގެ 18 ވީ ބުރާސްފަތި ދުވަހުގެ ރޭ ޕާޓީ ކުރީ މަސްތުވާތަކެތި ބޭނުންކޮށްގެން "ޕާޓީ"ކޮށްފައިވެއެވެ. އެ މީހުން ޕާޓީކުރީ މިނިސްޓަރު އަމީން ދިރިއުޅޭގެ، ގ. މާންދޫގޭ ދެކުނުބައިގައި ކަމަށް މައުލޫމާތުތަކުން އެނގެއެވެ.

މިނިސްޓަރު އަމީން ދިރިއުޅުނު މާންދޫގޭގެ ދެކުނު ބައިގެ ބައެއް އެޕާޓްމެންޓުތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލަމުން ދިޔަ ވަގުތު، އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިނިސްޓަރު އަމީން ގުޅުއްވިކަން ވަނީ ފަޅާއަރާފައެވެ. އެކަން ފަޅާ އެރީ އޭރުގެ ކޮމިޝަނާ ޝުޖާއު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް، އޭނާއަށް ގުޅުއްވިކަން ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރަށް ބުނެވުމުންނެވެ.