ދަރިންގެ ހަރަދު ނުދައްކާ މީހުންގެ މައްސަލަތަކުގައި މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ހަރަދު ހޯދަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޫން ކަމަށާއި އެކަމާ ގުޅޭ އިންތިޒާމްތައް ބަދަލު ކުރަންޖެހޭ ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އިސްގާޒީ މާހިރު ނެރުއްވި ހިތާބެއްގައި ވަނީ ފެމިލީ ކޯޓަށް ހުށަހެޅޭ ޙަޟާނަތާއި ދަރިންނާ ބައްދަލުކުރުމުގެ މައްސަލަތަކާއި ހަރަދާ ގުޅޭ މައްސަލަތަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ މައްސަލަތަކާއި އާއިލީ މައްސަލަތައް އަވަސް މިނެއްގައި ބަލައި ފިޔަވަޅު އެޅި އަމުރުތައް ނެރެވެމުން ދިއުމަކީ އުފާކުރާ ކަމެއް ކަމަށެވެ. ނަމަވެސް ދަރިންގެ ހަރަދު ހޯދައި ދިނުމުގެ ނިޒާމު އޮތް ގޮތުން ފުރިހަމަ ހައްލެއް ނުލިބޭ ކަމަށާއި ހަރަދު ދިނުމަށް އަންގައި ކޯޓުން ހުކުމް ކުރުމުން، އެ ހުކުމް ތަންފީޒުކުރަން އެތައް ފިޔަވަޅެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިތާބުގައިވަނީ ދަރިންގެ ހަރަދު ނުދޭ މީހުން އަރުވާލުމާއި ގޭބަންދު ކުރުމާއި ޖަލަށް ލުމުގެ ބާރު ވެސް ކޯޓަށް އޮންނަ ކަމަށާއި އެކަމަކު އެއިން އެއްވެސް ފިޔަވަަޅަކީ ހަރަދު ލިބެންވާ ނިކަމެތި މައިމީހާ އަށް ކަށަވަރުކަމާ އެކު ހަރަދުގެ ފައިސާ ލިބޭ މަގެއް ނޫން ކަމަށެވެ. އަދި އެ މައްސަލަައަށް ދާއިމީ ހައްލެއް ހޯދޭނީ ދަރިންގެ ހަރަދު ހޯދުމަށް ހުރި އިންތިޒާމުތައް ބަދަލު ކޮށްގެން ކަމަށް ވެސް އިސްގާޒީގެ ހިތާބުގައި ވިދާޅުވި އެވެ.

އިސްގާޒީގެ ހިތާބުގައިވާ ގޮތުން ދިގު މުއްދަތެއްވެފައިވާ ކައިވެނިތައް ރޫޅުން ގިނަވަމުންދެ އެވެ. އަދި ކައިވެނިތައް ރޫޅެން ދިމާވަނީ ކަނޑައެޅިގެން ވަކި ސަބަބަކާ ހުރެ ކަމަށް ދަންނަވަން ނޭނގުނަސް އެއީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ވަރީގެ ކުރިން ބައިވެރިޔާ ވެފައިވާ ގުރުބާނީތައް ހަނދާން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަނެކާގެ ކިބައިން ފެނުނު އުނި ސިފަތައް ހަނދާން އާކުރުމުގެ ބަދަލުގައި މި އުމުރުގައި ހަނދާން ކުރަންޖެހޭ ކަމަކީ ރަނގަޅު ކަމެކެވެ. ދިރިއުޅުމުގައި އަނެކާވީ ގުރުބާނީ އެވެ،" އިސް ގާޒީ ވިދާޅުވި އެވެ..އިސްގާޒީ ވިދާޅުވީ، ވަރީގެ މައްސަލައެއްގައި ކޯޓަށް ދެމަފިރިއަކު ހާޒިރުވި ކަމަށާއި އެކަމަކު ކުރިން ތާވަލުކުރި އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ ސަބަބުން ކޯޓުގައި ހޭދަވި ވަގުތުގައި ދެ މީހުން އަމިއްލައަށް މަޝްވަރާކޮށް, ވަރިނުވާން ނިންމި ކަމަށެވެ. އަދި ގިނަ މީހުން ކޯޓަށް އަންނަނީ ގިނަ ފަހަރު މަޝްވަރާ ނުކޮށް ކަމަށް އެ ހިތާބުގައިވެ އެވެ.

"ވަރިވުމުގެ ކުރިން މިފަދަ އަސާސީ ކަންކަމާ މެދު މަޝްވަރާކުރެވޭ ނަމަ، ކައިވެނި މަތީގައި ދެމިތިބެންޖެހޭ އެތައް ސަބަބެއް ފެންނާނެ އެވެ. ޒަވާޖީ ހަޔާތުގެ އުފާވެރިކަން ދަމަހައްޓަން އެދޭ ދެމަފިރިއަކު ނަމަ، އެ މީހުންގެ އުދާސްތައް ބޭރުކުރަންވީ ތަނަކީ ސޯޝަލް މީޑީއެއް ނޫނެވެ. ދެމީހުން އެކަކު އަނެކަކު އަހަންވީ އެވެ،" މާހިރު ވިދާޅުވި އެވެ.

އިސްގާޒީ ވިދާޅުވީ ކައިވެނި ދަމަހައްޓަން އެދޭ ނަމަ ކުދިންނާ ވާހަކަ ދައްކައި، އެ ކުދިންގެ ވާހަކަ އަހައި، އާއިލާއާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ކޯޓުން ބާރު އަޅަނީ އާއިލީ ދިރިއުޅުން އުފާވެރިކުރަން ކަމަށާއި އަދި މައްސަލަތަކެއްގެ ތެރޭގައި ހިތްދަތި ދިރިއުޅުމެއް ތަހައްމަލުކުރަން ކޯޓުން ބާރު ނާޅައި ކަމަށާއި އެކަމުން ސަލާމަތްވެވޭނެ މަގެއް ވެސް ކޯޓުން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.