ޕީޕީއެމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން 2014 ގައި ގާނޫނަށް ގެނައި އިސްލާހެއް އޭރު ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކުރީ ޕީޕީއެމްގެ ހުރިހާ މަޖިލިސް މެމްބަރުންގެ ވޯޓުންނެވެ. ޓާގެޓަކަށްވީ އޭރު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކިކުރުމެވެ. ސަރުކާރުން ބޭނުންވި ގޮތަށް ސުޕްރީމް ކޯޓު "ހެޔޮވަރުކޮށްލި" ތާ ލަސްތަކެއް ނުވެ ކަންކަން ހިނގަން ފަށައިފިއެވެ.
ޕީޕީއެމްގެ 12 މަޖިލިސް މެމްބަރަކު ޕާޓީން ވަކިވެގެން އިދިކޮޅާ ގުޅުމުން އެކަން ސަރުކާރަށް ގަބޫލުކުރަން ދަތިވިއެވެ. ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅި މައްސަލައަކާއެކު, ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުކުމެއް އައިސް އެއްކަލަ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައިފިއެވެ. އަދި އެ ބޭފުޅުން މަޖިލީހަށް ވަނުމުން ފާރުމަތިން ނަގައި އުކާލީ ރައްޔިތުންގެ ކުރިމަތީގައެވެ. މެމްބަރުން މަގާމު ގެއްލުމުގެ ސަބަބަކަށް މެދުވެރިވީ އެ ބޭފުޅުން ސަރުކާރަށް “ހެޔޮވަރުކޮށްދިން” ސުޕްރީމް ކޯޓެވެ. އެ ބޭފުޅުންގެ ގޮނޑި ރުޖޫއަވީ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމުންނެވެ.
ޕީޕީއެމްގެ ސަރުކާރަށް ވެސް ފަހުން ކުރިމަތިވި ގޮންޖެހުމަކީ އޭރުގެ ސުޕްރީމް ކޯޓެވެ. ޖަލުގައި ތިބި ހުރިހާ އިދިކޮޅު ފަރާތްތައް ދޫކޮށްލަން ނެރުނު ކުއްލި އަމުރަކާއެކު މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ސަރުކާރު ވެއްޓުނެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބޮޑުތަނުން ބަލިވެގެން ދިޔައީ ވެސް އެ ހަލަބޮލިކަމުން އަރައިނުގަނެވި ތިއްބައެވެ.
މަޖިލިސް މެމްބަރުންގެ ކުރިމަތީގައި މިހާރު މިއޮތީ އެފަދަ މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑްކޮށް, މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވުން ގުޅުނީ ސިޔާސީ މަސްރަހާ ގުޅޭ ބޮޑު ދުސްތޫރީ މައްސަލައަކާ އެވެ. އެ މައްސަލާގެ އަޑުއެހުމެއް ފަށަން ވަގުތު ކުޑަތަންވެފައި އޮއްވާ އެ ބޭފުޅުން ސަސްޕެންޑް ކުރުމީ އިއްތިފާގެއް ކަމަށް ގަބޫލުކުރާ ބަޔަކު މަދެވެ. އަދި އެ ބޭފުޅުން ވަކިކުރަން ނިންމުމަކީ ކުރެވޭ ލަފަ އާއި ހީތަކެއްގެ މައްޗަށް ބިނާވެފައި އޮތް މައްސަލައެކެވެ.
ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ފަނޑިޔާރު މަހާޒް ގުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާގެ އެދިވަޑައިގަތުމަކަށް ކަމަށް ޖޭއެސްސީން ބުނާއިރު, ފަނޑިޔާރު މަހާޒް އެ ވިދާޅުވާ ކޯލެއް ކުރެއްވިއިރު އަޒްމިރަލްދާގެ ފިރިކަލުން ހުރީ ބަންދުން ދޫވެފަ އެވެ. ބަންދުން ދޫވެފައިވާ މީހަކު ދޫކޮށްލަން މަހާޒް ފޯރުވާނެ ނުފޫޒެއް އަދި އޭގެ މަގާސިދެއް ސަބަބުވެރި އިންސާނަކަށް ވިސްނާ ވިސްނާ ދެނެ ނުގަނެވޭނެއެވެ. އަދި ފިރިކަލުން ދޫކޮށްލިކަން ފަނޑިޔާރު މަހާޒަށް ވުރެ މާކުރިން އެނގިވަޑައިގެންނެވި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާ އެގޮތަށް އެދިވަޑައިގަންނަވަންވީ ސަބަބެއް ބުއްދި ސަލާމަތުން ހުރި އިންސާނަކަށް ނޭނގުނެވެ. މިއީ އަސާސެއް ނެތް މައްސަލައެއްކަން ކޮންމެ މީހަކަށް މިވަރުން ސާފުވާނެއެވެ.
މިއީ މުޅި ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާއަށް ދޭ ނުރައްކަލުގެ އިންޒާރެކެވެ. އަދުލު އިންސާފު ގާއިމްކުރުމުގެ ފަހުބަސް ބުނާ ފަރާތުގެ ގޮތުން ސުޕްރީމް ކޯޓަކީ ހަމައެކަނި ސިޔާސީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ބަލާ ކޯޓެއް ނޫނެވެ. އާންމު މީހާގެ ވަރި ކައިވެންޏާއި ވިޔަފާރީ އާއި މަދަނީ ހައްގުތަކާއި ވަޒީފާގެ މައްސަލަތަކުން ފެށިގެން މުޖްތަމައުގެ ހަމަޖެހުމާ ގުޅުންހުރި ޖިނާއީ މައްސަލަތަކުގައި އިންސާފު ގާއިމްކޮށްދޭން އޮތް ކޯޓެވެ. އެ ކޯޓުގެ މިނިވަން ކަމަށް އަސަރުކުރާ ކޮންމެ ކަމެއްގެ ގެއްލުން ލިބޭނީ ހަމަ އާންމު ރައްޔިތުންނަށެވެ. މުޖްތަމައުގައި އިހްތިރާމް ލިބިގެންވާ ދެ ފަނޑިޔާރަކު އެއްވެސް ތުހުމަތެއް ނެތް ކަމެއްގައި "ގޮނޑިން ހޫރާލުމުން" އުފެދޭ ބޭއިންސާފުގެ އަސަރު އެ ބަޔަކަށް ނުކުރާނެ ކަމަށް ހީކުރުމަކީ ގޯހެކެވެ.
ޕީޕީއެމްގެ ވެރިކަމުގައި 2014 ވަނަ އަހަރު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކޮށް ގެނައި ބަދަލުން ދިވެހިން މިކަން ދެކެފިއެވެ. ސަރުކާރާ ދެކޮޅަށް ބަހެއް ބުނެލި ކޮންމެ ބަޔަކު ޖަލަށްލައި ވިޔަފާރިތަކަށް ދަތިކޮށް އެތައް ބަޔަކު ވަޒީފާތަކުން ވަކިކޮށް އަދި އެންމެފަހުން ސަރުކާރާ ދެކޮޅަށް ނިކުތް މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލައިގެން ގައުމު ބޮޑު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުނުއިރު އިންސާފު ލިބުމަށް އޮތް ހުރަހަކަށްވީ ޕީޕީއެމްގެ ސަރުކާރުން ބޭނުން ގޮތަކަށް "ހެޔޮވަރުކޮށްފައި" އޮތް ސުޕްރީމް ކޯޓެކެވެ.
ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް އައްޔަންކުރި ގިނަ ފަނޑިޔާރުންނަކީ އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދެން ނެތް ބޭފުޅުންތަކެއްކަން އެ ބޭފުޅުންގެ ނިންމެވުންތަކުން ހާމަވެއެވެ. ޖަލުގައި ހުންނަވަނިކޮށް ކުރީގެ ރައީސް ޔާމީން މިނިވަންކުރަން އެމްޑީޕީގެ ވެރިކަމުގައި ހުކުމް ކުރެއްވި ބެންޗުގައި ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވެސް އިންނެވިއެވެ. އަދި ބޮޑެތި ވިޔަފާރީގެ މައްސަލަތަކާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ އެތައް މައްސަލަތަކެއް ސިޔާސީ ވިސްނުމަކަށް ނުބަލައި ނިންމިއެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މެމްބަރުންގެ ކުރިމަތީގައި މި އޮތް ވަގުތު ގާނޫނީ ދާއިރާ އާއި ގިނަ ބަޔަކު އެއްބަސްވާ ކަމަކީ އެ ދެ ބޭފުޅުން ވަކިކުރަނީ އިންސާފުން ނޫން ކަމެވެ. އެއްވެސް އަސާސެއް ނެތް ތުހުމަތެއްގައި ދެ ފަނޑިޔާރުން ވަކިކުރުމުން އޭގެ ގެއްލުން ކުރިމަތިވަނީ މުޅި ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާއަށެވެ. މީގެ ކޮންމެ ބޭއިންސާފެއްގެ ނަތީޖާ ރަނގަޅު ނޫންކަން ތާރީހުން އެއޮތީ ފެންނާށެވެ.