ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި 26 މީހަކު މަރާލާ ދިން ހަމަލާ އަކީ އެ ސަރަހައްދު އާއްމު ހާލަތަށް ރުޖޫއުވާން ހުރަސް އެޅުމަށް ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިއީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އިންޑިއާގައި އާންމުން މަރުވި އެންމެ ބޮޑު ހާދިސާއެވެ.
މިއީ ކަޝްމީރަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެކެވެ. މި ދުވަސްވަރަކީ ޖޭއެންޑްކޭގެ ޓޫރިސްޓު ސީޒަނެވެ.
އިންޑިއާ އިން ބުނާ ގޮތުގައި ކަޝްމީރަށް އަންނަ ސުލްހަ ޕާކިސްތާނަށް ނުފެންނާނެއެވެ. މި ހަމަލާގެ ސަބަބުން ކަޝްމީރުގައި ވެސް، ހާއްސަކޮށް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދުގައި ވެސް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. މި ޓެރަރިސްޓް ހަމަލާއާ ދެކޮޅަށް ކަޝްމީރުގެ ލޯކަލް ކޮމިއުނިޓީތަކާއި ސިޔާސީ ޕާޓީތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.
ކަޝްމީރުގެ 370 ވަނަ މާއްދާ އުވާލުމާ އެކު އެ ގައުމުގެ ދިރިއުޅުން އާންމު ހާލަތަށް ވަނީ ބަދަލުވެފައެވެ. ލޯކަލް ޓެރަރިސްޓުން ރެކްރޫޓްކުރާ މިންވަރު ވަނީ އެންމެ ދަށަށް ގޮސްފައެވެ. އެކަމަށް ޕާކިސްތާނުން ރައްދު ދީފައިވަނީ ހަރުކަށި ޕާކިސްތާނުގެ ޓެރަރިސްޓުންނަށް ވަދެ އަނިޔާވެރި އަމަލުތައް ހިންގަމުންނެވެ.
"މި ހަމަލާއަކީ ދާދި ފަހުން ސުލްހަވެރި އިންތިހާބެއް ބޭއްވި ކަޝްމީރަށް އާންމު ހާލަތަށް ރުޖޫއަވުމަށް ހުރަސް އެޅުމުގެ ބޭނުމުގައި ދިން ހަމަލާއެއްކަން ވަރަށް ސާފުކޮށް އެނގެ އެވެ،" އިންޑިއާ އިން ބުނެއެވެ.
ޕާކިސްތާނުން ވަނީ މީގެ ކުރިން ވެސް މިފަދަ ގިނަ އުކުޅުތަކެއް ބޭނުންކޮށްފައެވެ. އެގޮތުން އެމެރިކާގެ އޭރުގެ ރައީސް ކްލިންޓަން 2000ވަނަ އަހަރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާ ދަނޑިވަޅަށް އަމާޒުކޮށް، ޖައްމޫ އާއި ކަޝްމީރުގެ ޗިޓްސިންގްޕޫރާގައި ޓެރަރިސްޓް ހަމަލާއެއް ދީ، އިންޑިއާގެ 35 މީހުން ވަނީ މަރުވެފައެވެ.
ޕަހަލްގަމްއަށް މި ހަމަލާ ދީފައި މިވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ރަސްމީ ދަތުރުފުޅުގެ މެދުތެރެއިން ދަތުރުކުރައްވަމުން ގެންދަވަނިކޮށެވެ.
ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި އަންގާރަ ދުވަހު، ހަތިޔާރު އަޅައިގެންތިބި ބަޔަކު 26 މީހަކު މަރާލާފައި ވާއިރު ނޭޕާލް މީހަކު ފިޔަވައި ދެން އެންމެންނަކީ އިންޑިއާ މީހުންނެވެ. މިއީ މުސްލިމުން ގިނަ އެ ސަަރަހައްދުގައި 2000 ވަނަ އަހަރުގެ ފަހުން އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.