އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް މަންދީގެ ވަކީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވާހަކަ ދައްކާފައި ވަނިކޮށް އޭނާގެ ގަޔަށް މިދިޔަ މަހު ބަޔަކު ކަޅުތެޔޮ ޖެހި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް, ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރިއެވެ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ. އަދި ވޭޕް މަނާކުރަން ނިންމި ނިންމުމާއި ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން މަންދީ ވާހަކަ ދައްކާފައިވާތީ އެ މައްސަލާގައި މަންދީގެ މައްޗަށް ވެސް ޖިނާއީ ތަހުގީގެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.

އެ މައްސަލާގައި އިއްޔެ މަންދީ ފުލުހަށް ހާޒިރު ކުރުމުން, ފުލުހުންގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަންދީގެ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ދައުވާ ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

"މިމަހުގެ 24 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލަށް ދައުވާ ކުރުމަށްޓަކައި ފޮނުވަދޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވީ." ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ކަޅުތެޔޮ ޖެހި މައްސަލާގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ފުލުހުންނަށް ނެތް ކަމަށް ފުލުހުން ބުނާ ކަމަށެވެ. ނަމަވެސް ތަހުގީގުކުރާ ފުލުސް މީހާ އެކިފަހަރު މަތިން ބަދަލުވެފައިވާ ކަމަށާއި އަދި އެ މައްސަލަ ސާބިތުވުމުގެ ފުރުސަތު ކުޑަ ކަމަށް ތަހުގީގުކުރާ ފުލުހުން ކުރިން ބުނެފައިވާ ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ. ނަމަވެސް އެފަދަ ވާހަކަތައް ފުލުހުން ދައްކައިގެން ނުވާނެ ކަމަށާއި އަދި އެ މައްސަލާގެ ހިމެނޭ ހެކިންގެ ބަޔާން ވެސް ފުލުހުން ނެގީ ދާދިފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ އެ މައްސަލާގައި ކަންކަން ހިނގާ ގޮތުން އެ މައްސަލައަށް ނުފޫޒުތައް ފޯރުވަމުންދާ ކަމަށް ބެލެވޭ ކަމަށެވެ.