ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހިނގަމުން ދަނީ ރަނގަޅަށް ކަމަށް ޕީއެންސީން މިއަދު ބުނެފިއެވެ.
އިއްޔެގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ސިޓީގައި ސަރުކާރުން އަދުލު އިންސާފު ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭނާ އިސްތިއުފާ ދެއްވި ސިޓީ ފޮނުވީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ޖޭއެސްސީ އަށް ސިޓީ ފޮނުވާފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުއޫދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީން އެ މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން އަދުލު އިންސާފު ކުރުމުގެ ބާރަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ.
ސުއޫދުގެ އިސްތިއުފާ ސިޓީގައިވާ ވާހަކަތަކަށް ރައްދުދީ ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި މިއަދު ބުނީ، ފަނޑިޔާރުކަމުގެ މަގާމުގައިވެސް އަދި މަގާމުން ވަކިވެވަޑައިގަތުމުގައި ވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމް އުސޫލު އިސްކުރުމަކީ ގާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ.
އަދި އެކަމަކީ މުޅި ޖުޑިޝަރީއާ މެދު އޮންނަ އިތުބާރު ގެއްލި ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ބާރު ލިބޭ ކަމެއް ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައިވެއެވެ. ސުއޫދު ގެންގުޅުއްވީ އޭނާ އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް ގެންގުޅުނު ސިޔާސީ އެކްޓިވިޒަމް ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.
ޖޭއެސްސީ އަށް ސުއޫދު އިސްތިއުފާގެ ސިޓީ ފުރަތަމަ ފޮނުވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އަށް އެ ސިޓީ ފޮނުވައި، ރައީސްގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް އަޅުވާފައި ހުރުމަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ސުއޫދު ވަދެވަޑައިގެންފައިވާ ހުރި މިންވަރު ހާމަވާ ކަމެއް ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި މިނިވަން މުއައްސަސާތަކަށް މުސްތަގިއްލުކަމާއެކު އެ މުއައްސަސާތަކުން އަދާކުރަންޖެހޭ ވާޖިބާ ޒިންމާ އަދާ ކުރެއްވުމަށް ރައީސް މުއިއްޒު ފުރުސަތު ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެފަދަ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ އަދާ ކުރުމަކީ ނުފޫޒު ފޯރުވުމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެއެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި