ސައްހަކަން ކަށަވަރު ނުކޮށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް 40،000 މެންބަރުން އިތުރު ކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ޕީއެންސީ ވަނީ ވެފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ. މިދިޔަ އަހަރު ފެށުނުއިރު އެޕާޓީގައި ތިބީ 28،201 މެންބަރުންނެވެ.
މިކަމަށް އިޝާރާތްކޮށް ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކޮށްގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ އެތައް ހާސް މައްސަލައެއް ފެންމަތިވުމުން ވެސް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަނުން އެ ފޯމުތަކުގެ ސައްހަކަން ބެލުމެއް ނެތި 40،000 މެމްބަރުން އެ ޕާޓިއަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބައިވެރިވުން މިކަމުގައި އޮވެ ނުދާނެ ކަމަށް ގަބޫލުކުރަން މަޖުބޫރު ވަނީ މިކަމުގައި އެމަނިކުފާނު ހަނު ހުންނެވުމުން،" ފައްޔާޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ ދަފްތަރުން ދައްކާ ގޮތުގައި ދެވަނަ އަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. އެއީ 43،755 މެންބަރުންނެވެ. މިދިޔަ އަހަރު ފެށުނުއިރު އެމްޑީޕީގައި 52،142 މެންބަރުންނެވެ.
އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކަށް ޕީއެންސީވިއިރު އެޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް ކުރި މަސައްކަތުގައި ވަގު ފޯމުތަކެއް ހުށަހެޅި މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލަ ފުލުހުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ