ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ. މިދިޔަ އަހަރު ފެށުނުއިރު އެޕާޓީގައި ތިބީ 28،201 މެންބަރުންނެވެ.
ދެވަނަ އަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. އެއީ 43،755 މެންބަރުންނެވެ. މިދިޔަ އަހަރު ފެށުނުއިރު އެމްޑީޕީގައި 52،142 މެންބަރުންނެވެ.
ތިންވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ ޖުމްހޫރީ ޕާޓީއެވެ. އެއީ 13،826 މެންބަރުންނެވެ. ހަތަރުވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ އުވާލުމަށް އެޕާޓީގެ ސެނެޓުން ނިންމާފައިވާ ޕީޕީއެމްއެވެ. އެޕާޓީގައި 12،174 މެންބަރުންނެވެ.
ސިޔާސީ ޕާޓީތަކުގެ ތެރޭގައި 10،000 މެންބަރުން މިދިޔަ އަހަރާއި ހަމައަށް އޮތް ދެޕާޓީ އެއް ކަމަށްވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގައި މިވަގުތު 10،000 މެންބަރުން ހަމައެއް ނުވެއެވެ. އެހެންކަމުން މި ދެޕާޓީއަށް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއެއް ނުލިބޭނެއެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާނަމައެވެ.
އަދާލަތު ޕާޓީގައި މިވަގުތު ތިބީ 9،049 މެންބަރުންނެވެ. އަދި އެމްޑީއޭގައި މިވަގުތު ތިބީ 9،210 މެންބަރުންނެވެ. 10،000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކުގެ ތެރޭގައި އެމްއެންޕީވެސް ހިމެނެއެވެ. އެޕާޓީގައި ތިބީ 6،050 މެންބަރުންނެވެ. ދަ ޑިމޮކްރެޓްސްގައި ތިބީ 3،667 މެންބަރުންނެވެ.
ތިންހާސް މެންބަރުން ހަމަ ނުވާ ދެ ޕާޓީއެއް އެބައޮތެވެ. އެއީ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ދާދިފަހަކުން އުފެއްދި ޕީއެންއެފް އާއި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދި އެމްޓީޑީއެވެ. ޕީއެންއެފްގައި ތިބީ 2،822 މެންބަރުންނެވެ. އެމްޓީޑީގައި ތިބީ 2،359 މެންބަރުންނެވެ. އުވާލުމަށް ނިންމާފައިވާ އެމްއާރްއެމްގައި 1،867 މެންބަރުން އަދިވެސް އެބަ ތިއްބެވެ.
އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކަށް ޕީއެންސީވިއިރު އެޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް ކުރި މަސައްކަތުގައި ވަގު ފޯމުތަކެއް ހުށަހެޅި މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.