އެހެން މީހުންގެ ސޮއި ފޯޖު ކޮށްގެން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިގޮތަށް ގޮވާލާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި، އެ މެންބަރު ޕީއެންސީ އަށް ވައްދާފައިވާ މައްސަލަ ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެމްޑީޕީން ގޮވާލާފައިވެއެވެ.

ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އެޕާޓީން ވަނީ މީގެކުރިން ވެސް ގެނެސްފައެވެ.

އެ މައްސަލާގައި އެމްޑީޕީން އިލެކްޝަންސްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް މި ޕާޓީން އީސީގައި އެދިފައިވާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެޕާޓީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވް ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލާގައި މެމްބަރު ޒިޔާދުގެ ނަމުގައި ހުށަހެޅި ވަގު ފޯމުގެ ކޮޕީއެއް ހޯދުމަށް މިއަދު މެންދުރު 14:00 ގައި އެ ޕާޓީން އީސީއަށް ދިޔުމަށް ވަނީ ނިންމައިފައެވެ.