ރާއްޖޭގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީތަކުގެ ލިސްޓުގެ ދެވަނާގައި އޮތް، މިހާރު ސަރުކާރު ހިންގާ ޕީއެންސީގެ ކޯލިޝަން ޕާޓްނަރު ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީޕީއެމް) އުވާލަން އެޕާޓީގެ ސެނެޓުން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ މިހާރު ކުރިޔަށްދާ އެޕާޓީގެ ސެނެޓު ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އެޕާޓީގެ ދެ ނާއިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޕީއެމް އުވާލަން ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުން ކަމަށް، މައުލޫމާތު އެނގޭ ފަރާތަކުން "ހަތާވީސް" އަށް ކިޔައިދިނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި ޕީޕީއެމްގައި މިވަގުތު 34،698 މެންބަރުން އެބަ ތިއްބެވެ. އެއީ ދެވަނަ އަށް އެންމެ ގިނަ މެންބަރުން އޮތް ޕާޓީއެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް އެޕާޓީ ހެދުމަށެވެ. އެގޮތުން 90،000 މެންބަރުން އެޕާޓީ އަށް އިތުރު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސްގެ ދަފްތަރުން ދައްކާ ގޮތުގައި މިވަގުތު އެޕާޓީގައި ތިބީ 28،983 މެންބަރުންނެވެ.

ޕީޕީއެމް އުވާލިއިރު މިދިޔަ އޮކްޓޫބަރު މަހުގެ 17ވަނަ ދުވަހު ބޭއްވި ސެނެޓު ބައްދަލުވުމެއްގައި އެޕާޓީގެ ނާއިބު ރައީސް ކަމުގެ މަގާމަށް ފޮރިން މިނިސްޓަރު ހަލީލް ހަމަޖެއްސެވިއެވެ. އަދި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިބްރާހީމް އަބްދުލް ރައްޒާގު ހަލީމް ހަމަޖެއްސެވިއެވެ.

ޕީޕީއެމް އަކީ ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކާއެކު އުފެދުނު "ޒެޑް ފެކްޝަން"ގެ ތެރެއިން އުފަންވި ޕާޓީއެކެވެ. ޕާޓީ އުފެއްދިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެޕާޓީ ވަނީ 2013ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. އަދި 2018ވަނަ އަހަރާއި ހަމައަށް އެޕާޓީ ރާއްޖޭގެ ވެރިކަމުގައި އޮތެވެ.

ނަމަވެސް ވެރިކަމުގެ ތެރޭގައި ޕީޕީއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫނާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނާ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ޔާމީނަށް ޕީޕީއެމްގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރަށް ޕީއެންސީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދިއެވެ.

ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ކޯޓުގެ މައްސަލަ ކާމިޔާބުވީ ޔާމީނާ އެއްކޮޅަށެވެ. އެއާއެކު ޕީއެންސީ އަދި ޕީޕީއެމް ވެސް ހިންގަމުން ގެންދިޔައީ އެއްފުރާޅެއްގެ ދަށުން، އެއް ލީޑާޝިޕެއްގެ ދަށުންނެވެ. އެކަމަކު 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތަށް ދިއުމުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު އެރުވީ ޕީއެންސީގެ ޓިކެޓުގައެވެ.

ޕީއެންސީ ވެރިކަމަށް އައި ފަހުން ޕީޕީއެމްގެ ހަރަކާތްތައް މަޑު ޖެހުނެވެ. އަދި ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީނާއި ދެޕާޓީގެ ލީޑާޝިޕާއި ދެމެދު މައްސަލަ ޖެހި، އެންމެ ފަހުން ޔާމީން ވެސް އެޕާޓީން އިސްތިއުފާ ދެއްވާ އައު ޕާޓީއެއް އުފެއްދެވިއެވެ.