ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު މަސްވެރިންގެ ތާއީދު ހޯދުމުގެ ގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާ އިން 25 ރުފިޔާ އަށް ބޮޑު ކުރުމުގެ ސަބަބުން، އެކަމަކު އުނދަގޫ ހަގީގަތުގައި ޖެހުނީ މަސްވެރިންނަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން "ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން މަަސް ގަންނަ އަގު ކުއްލި އަކަށް ބޮޑު ކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުން އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މިފްކޯ އަކީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ހިންގާ ކުންފުންޏަކަށް ވާތީއެވެ. އަދި އެކުންފުނީގެ ހާލަތު ހުރި ގޮތުން އެ އަގުގައި މަސް ގަނެވޭނެ ގޮތް ނުވުމެވެ.
ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން މަހުގެ އަގަށް ގެނައި ކުއްލި ބަދަލަކީ ޒިންމާދާރު ގޮތެއްގައި ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ދިރާސާއެއްގެ އަލީގައި ކުރީ ސަރުކާރުން ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެންނަން އޮތް މަންޒަރުން ވެސް އެއީ އެވަގުތަށް ކޮށްގެން ވާނެ ކަމެއް ނޫންކަން ހުދު ސަރުކާރުންވެސް ގަބޫލުކުރާނެ. ހުދު މަސްވެރިންވެސް ގަބޫލުކުރޭ އެ އަގަކީ، އެ ހިއްލާލެވުނު އަގަކީ ސިޔާސީ ބޭނުމަށް ކުރެވުނު ކަމެއް ކަމަށް. އޭގެ އުނދަގޫ އާހިރުގައި މި ޖެހުނީ މަސްވެރިންނަށް،" ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަކީ ހަމައެކަނި ސަރުކާރަށް އޮންނަ ސިނާއަތެއް ނޫން ކަމަށާއި އެ ސިނާއަތަކީ އަމިއްލަ ފަރާތްތަކުން ވެސް މަސައްކަތް ކުރަމުންދިޔަ ސިނާއަތެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް މަހުގެ އަގަށް ގެނައި ބަދަލާއެކު އަމިއްލަ ވިޔަފާރިތަކަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ ބައެއް ކުންފުނިތައް އެއްކޮށް އެ ކުންފުނީގެ އޮޕަރޭޝަން ހުއްޓާލިއިރު އަނެއް ބައި ކުންފުނިތަކުން ވެސް 50 ޕަސެންޓު އޮޕަރޭޝަން ހުއްޓާލި ކަމަށެވެ. އެއީ ވެސް މަސްވެރިންނަށް ލިބެމުން ދިޔަ ގެއްލުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވޭ ކޮންމެ ފަހަރަކު އާމްދަނީ ހޯދުމަށްޓަކައި މަހަށް ނުގޮސް އެތައް ދުވަހެއް އިހުތިޖާޖުތަކުގައި މަސްވެރިން ހޭދަ ކުރަން ޖެހޭ ޖެހުމެވެ. އަދި އެއީ ހުދު މިނިސްޓަރު ވެސް އަދި ސަރުކާރުން ވެސް އެކަން ވާން ބޭނުންވާ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.