އަންނަ އަހަރުގެ ނިއަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަން ނިންމައި، އެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން، ބީއެމްއެލްގެ އޭޓީއެމް މިހާތަނަށް ބަހައްޓާފައި ވަނީ 90 ރަށުގައެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް އިތުރު 103 ރަށުގައި އޭޓީއެމް ބެހެއްޓިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބީއެމްއެލް އާއި ސަރުކާރާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބީއެމްއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ބީއެމްއެލްގެ އޭޓީއެމް ރާއްޖޭގެ ހުރިހާ ރަށެއްގައި ބެހެއްޓުމުގެ މަޝްރޫއު ރައީސް ފެއްޓެވި ރަސްމިއްޔާތުގެ ތެރެއިން— ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ފައްޓަވާފައެވެ.

އެ ރަސްމިއްޔާތުގައި ވަނީ ބީއެމްއެލްގެ 150 ވަނަ އޭޓީއެމް އދ. އޮމަދޫގައި ބެހެއްޓުމަށްފަހު، އެ އޭޓީއެމް ބޭނުންކުރަން ފެށި މަންޒަރު ލައިވްކޮށް ދައްކާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އަހަރަކު 15 މިލިއަނަށްވުރެ ގިނަ ފަހަރު ބީއެމްއެލްގެ އޭޓީއެމްތައް އެ ކުންފުނީގެ ކަސްޓަމަރުން ބޭނުންކުރާ ކަމަށެވެ.

ބީއެމްއެލްގެ އޭޓީއެމް ރާއްޖޭގެ ހުރިހާ ރަށެއްގައި ބެހެއްޓުމުގެ މަޝްރޫއު ރައީސް ފެއްޓެވި ރަސްމިއްޔާތުގެ ތެރެއިން— ފޮޓޯ/ ރައީސް އޮފީސް

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ފުރަތަމަ ފިޔަވަހީގައި 17 ރަށުގައި އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ 17 ރަށުގައި އަންނަ އަހަރުގެ މާޗުގެ 31 ކުރިން އޭޓީއެމް ބަހައްޓައި ނިންމާނެ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި އޭޓީއެމް ބަހައްޓާ ރަށްތައް:

  1. ހއ. އުތީމު
  2. ހއ. މުރައިދޫ
  3. ހދ. ނޮޅިވަރަމް
  4. ހދ. ނޮޅިވަރަންފަރު
  5. ށ. ކަނޑިތީމު
  6. ށ. މަރޮށި
  7. ރ. އިންނަމާދޫ
  8. ބ. ގޮއިދޫ
  9. ބ. ފުޅަދޫ
  10. ބ. ކިހާދޫ
  11. ބ. ކެންދޫ
  12. އދ. މަންދޫ
  13. ދ. ހުޅުދެލި
  14. ތ. ގާދިއްފުށި
  15. ފ. ކަލައިދޫ
  16. ލ. މާބައިދޫ
  17. ގއ. ކަނޑުހުޅުދޫ

އަންނަ އަހަރު ނިމޭއިރު ބީއެމްއެލް އޭޓީއެމްގެ އަދަދު 250 އަށް ވުރެ ގިނަވާނެއެވެ. އެ އޭޓީއެމްތަކުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި އެކައުންޓުތަކަށް ފައިސާ ޓްރާންސްފާ ކުރުމާއި އެކައުންޓުތަކަށް ލޯނަށާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުންފަދަ މުހިއްމު ހިދުމަތްތައް ލިބޭނެއެވެ.