މެންދުރުގެ ރަތްދައްކަ އަވީގައި ވެސް އެކަކު ހުރީ ޖެޓީ ކޮޅުގައި ދޮށި އުކާށެވެ. އަރައި ހަމަވުމާ އެކު ސަލާމްކޮށްލާފައި އަމިއްލައަށް ތައާރަފްވިއެވެ. ރަސްގެތީމް ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މުހައްމަދު ފާއިޒް 41، ބުނި ގޮތުގައި ހުސް ވަގުތެއް ލިބިއްޖެއްޔާ މިހާރު އޭނާ އެންމެ ކުރާ ހިތްވާ ކަމަކީ މި ޖެޓީ ކޮޅުން ދޮށި އެއްލައިގެން މަސް ބޭނުމެވެ.

ރަސްގެތީމުގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެޅި، "ދަ ކިންގްސް ޖެޓީ" އަކީ ފާއިޒްއާއި މަސްވެރިކަމަށް ޝައުގު ހުންނަ އެހެން މީހުން ވެސް ސިފަކުރި ގޮތުގައި ރަސްގެތީމަށް ލިބުނު ބޮޑު ރަންގަނޑެކެވެ. ނެރުމައްޗަށް މުގުރާ ބޮޑެތި ރާޅުތަކުގެ ތެރެއިން ބޮއްކުރަ އާއި ޑިންގީގައި ވަދުއަޅަން ކުރި ދަތުރުން ސަލާމަތްވީ މި ޖެޓީ އެޅުމުންނެވެ. އެއީ ކުރިން ވަދުއަޅަން ނުކުމެގެން ބޭނި ހުރިހާ ބާވަތްތަކެއް ވެސް ޖެޓީ ކޮޅުގައި ތިބެގެން ބޭނޭތީ އެވެ.

ތޮށިގަނޑުމަތިން ނުވަތަ ޖެޓީއެއް މަތިން ދޮށި އެއްލައިގެން އާއްމުކޮށް ބޭނޭނީ ފަރު މަތީގައި އުޅޭ މަދު ބާވަތްތަކެއްގެ މަސްތަކެވެ. ރަސްގެތީމު ޖެޓީ މަޝްހޫރުވީ އެއާ ޚިލާފަށް، ކަނޑުމަހުގެ އެތައް ވައްތަރެއް ހިމެނޭހެން ގިނަ ބާވަތްތަކުގެ މަސް މިތާ ތިބެގެން ބޭނޭތީ އެވެ. ފާއިޒް (ރަސްގެތީމު މީހުން ކިޔާ ގޮތުން ނަމަ ފާއިލް) ގާތުގައި މަސްވެރިކަމާ ބެހޭ ގޮތުން ކޮށްލި ފުރަތަމަ ސުވާލަށް ދިން ޖަވާބު ވެސް ފެށީ އޭނާ މިތަނުން ބޭނި އެންމެ ބޮޑެތި މަސްތަކުގެ ވާހަކައިންނެވެ.

ރަސްގެތީމު ޖެޓީން ކޮންމެ ދުވަހަކު ވެސް ކަނޑުމަހާއި ފަރުމަސް ގިނަ އަދަދަކަށް ބާނާ— ފޮޓޯ/ ހަތާވީސް

"މިހާރު މި ޖެޓީން ބޭނިއްޖެ ހަތަރު ހިބަރު، އެެއީ ޓޮޕްވޯޓާ ވަދުގައި ބޭނި ދެ ސެއިލް ފިޝްއާ، އަދި ހަމަ ޖިގް ގައި ބޭނި ދެ ސެއިލްފިޝް، ފުދޭ ވަރަކަށް ބޮޑެތި އެއްޗިހި އެއީ، އެއީ 30 ކިލޯ، 32 ކިލޯ، 35 ކިލޯ، ދެން ތަންކޮޅެއް ކުޑަ އެއްޗެއް، އެއީ 21 ކިލޯ" ޖެޓީ މަތިން ކުރި މަސްވެރިކަމުގެ ތަފްސީލު ދެމުން ފާއިލް ބުންޏެވެ.

އޭނާ މިތަނުން ބޭނި އެހެން ބާވަތްތަކުގެ ތެރޭގައި ކުރުމަހާއި ލައްޓި ރާގޮނޑިއާއި ހަނދި، ރަތްމަސް އަދި ގިއުޅުނު ހިމެނެ އެވެ.

ރަސްގެތީމު ޖެޓީން ކޮންމެ ދުވަހަކު ވެސް ކަނޑުމަހާއި ފަރުމަސް ގިނަ އަދަދަކަށް ބާނާ— ފޮޓޯ/ ހަތާވީސް

ރަނގަޅު މަސްވެރިކަމެއް ކުރެވުމުގެ އިތުރުން ފާއިލް ސިފަކުރި ގޮތުގައި މި ޖެޓީއަކީ އިޖުތިމާއީ ގޮތުން ވަރަށް އުފާވެރި މާހައުލެއް އޮންނަ ތަނެކެވެ. އެކި އުމުރުގެ އެންމެން އެއްތަންވެ، ފެނިދެނިވާ އުފާވެރި މާހައުލެކެވެ.

"ވަރަށް ފްރެންޑްލީ މާހައުލެއް މިއީ، އެންމެން ވެސް ވަރަށް ގުޅޭނެ، ވަރަށް ސޯޝަލް ތަނެއް މިއީ. މި ބޭބެމެން އެންމެން އައިސް ހަމަ ވާހަކަ ދައްކާލައި، ކުޑަކުދިން ހަމަ ހިނގާލަން ވެސް މިތަނަށް އަންނާނެ މަސްބާނާތަން ބަލައިލަން، މަސް ބާނަން ނޫނަސް،" އޭނާ ބުންޏެވެ.

ރަސްގެތީމު ކައުންސިލްގެ މެންބަރު އަދި އެ ކައުންސިލްގެ ކުރީގެ ރައީސް އަލީ ނަޖީބު ސިފަކުރެއްވި ގޮތުގައި ކިންގްސް ޖެޓީ އަކީ ރަސްގެތީމަށް ލިބުނު ރަންގަނޑެކެވެ. އެ ޖެޓީން ރަސްގެތީމަށް ވަނީ 100 ޕަސެންޓް ފައިދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްގެތީމު ޖެޓީން ކޮންމެ ދުވަހަކު ވެސް ކަނޑުމަހާއި ފަރުމަސް ގިނަ އަދަދަކަށް ބާނާ— ފޮޓޯ/ ހަތާވީސް

"ހަމަ ގަރުދިޔަ ކައްކައިލަން، ތެލި އުދާލާފައި ވެސް މަސް ބަލާ ދިއުމުގެ ފުރުސަތު އެބަ އޮތް އަސްލު، ދެން ހަމަ ޔަގީނުން ވެސް މަސް ނުގަނެ ހިފަހައްަޓައިލެވޭ މިހާރު،" ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖެޓީގެ މަސްވެރިކަމުން އެއްޗެއް ނުލިބޭ ދުވަސްވަރެއް ނާދެ އެވެ. އެއީ ދުވާލުގެ ވަގުތުތަކުގައި އާއްމުކޮށް ބާނައި އުޅޭ ކަނޑުމަހުގެ ބާވަތްތައް ދުވާލު ނުގަންނަ ނަމަ، ރޭގަނޑު ފަރުމަހުގެ ބާވަތްތައް ބޭނުމުގެ ފުރުސަތު އޮންނާތީ އެވެ. ލައްޓިރާގޮނޑި ނުބޭނެންޏާ ގިނި މަހެއް ނަމަވެސް، ޖެޓީކޮޅުން ދޮށި އުކާ މީހަކަށް ރޯދި ވެ އެވެ.

އަލީ ހަމީދު (އެލްޑީ) ގެ ހިޔާލު ވެސް މިކަމުގައި ނަޖީބާ އެއްގޮތެވެ. އޭނާ ވެސް ދެކެނީ ޖެޓީއަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ޖެޓީ ނާޅާ އިރު މަހެއް ބާނަން ކުރާ ދަތުރަށް، ރަސްގެތީމު ފަޅުން ނުކުތުމުގައި އުފުލި ތަކުލީފުގެ ހަނދާން އޭނާ އާކުރިއެވެ.

ރަސްގެތީމު ޖެޓީން ކޮންމެ ދުވަހަކު ވެސް ކަނޑުމަހާއި ފަރުމަސް ގިނަ އަދަދަކަށް ބާނާ— ފޮޓޯ/ ހަތާވީސް

"ކުރީގައި މަސް ހޯދަން ވެއްޖެއްޔާ އޮޑިދޯނިފަހަރުގައި މިދަނީ ފުރައިގެން، ކަނޑު ގަދަވެއްޖެއްޔާ މަސް ހޯދުން ވަރަށް ދަތި ކަމަކަށް ވެފައި އޮންނަނީ، އެހެންވެ އަސްލު ލަފައި ފުރުމަށް ހެދި ޖެޓީއެއް، އެކަމަކު މިހާރު މިއޮތީ މަސްވެރިކަމަށް ހާއްސަވެފައި،" އޭނާ ބުންޏެވެ.

ހަމީދު އެ އިޝާރާތްކުރީ ތަކުލީފުގެ އިތުރު ތަފްސީލު ދެއްވަމުން ރަސްގެތީމް ކައުންސިލްގެ ރައީސް މުހައްމަދު ފަޒީން ވިދާޅުވި ގޮތުގައި ރަސްގެތީމުގެ ބަނދަރު ކުރިން އޮތް ގޮތުން، ހުޅަނގުގެ ގަދައިގައި ފަޅަށް ވަދެނުކުމެ ނޫޅެވޭ ދުވަސްތަކެއް އާދެއެވެ.

"ދެން އޭރު ކައުންސިލުން މަސައްކަތް ކުރީ އިރުމަތި ފަރާތުގައި ކަނޑަށް ޖެޓީއެއް އަޅައިގެން އެ މައްސަލަ ހައްލުކުރަން،" އޭނާ ވިދާޅުވިއެވެ.

ރަސްގެތީމު ޖެޓީގައި ބޭއްވި މަސް ބޭނުމުގެ މުބާރާތެއްގެ ތެރެއިން— ފޮޓޯ/ ހަތާވީސް

ނަމަވެސް ސަރުކާރުން ވަނީ ރަސްގެތީމު ބަނދަރު އަލުން ހަދައި އެ މައްސަލަ ހައްލުކޮށްފައެވެ. ކިންގްސް ޖެޓީ ގާތްގަނޑަކަށް މަސްވެރިކަމަށް ހާއްސަވީ މިހާރު ވަރަށް މަދު ހާލަތެއްގައި ނޫނީ އެ ޖެޓީއަށް އޮޑިދޯނިފަހަރު ކައިރިކުރަން ނުޖެހޭތީއެވެ.

ޖެޓީގެ މަސްވެރިކަން ކިހިނެއްތޯ ސުވާލުކޮށްލުމުން ފަޒީން ވިދާޅުވީ ދޯނިފަހަރުގައި ފުރައިގެން ގޮސް ބާނާ އަދަދާ ގާތްކުރާ މިންވަރަކަށް މީހުން އެތަނުން މަސްބާނާ ކަމަކަމަށެވެ.

"މިހާރު އަޅުގަނޑު ދަންނަވާނީ ބޮއްކުރާގައި ފަލި ޖަހާފައި، ނޫނީ ޑިންގީގައި ނުކުންނާކަށް އަޅުގަނޑުމެން ރަށު މީހުންނަކަށް ނުޖެހޭނޭ، ރީލު ދޮށީގައި، ޖެޓީގައި ހުރެލައިގެން މަސް ބާނައިލެވޭނެ،" ފަޒީން ވިދާޅުވިއެވެ.

ރަސްގެތީމުގެ ކޮންމެ ގެއެއްގައި ރީލު ދޮށްޓެއް ނުވަތަ އެއް ދޮށްޓަށް ވުރެ ގިނައިން ވެސް ހުރީ އެހެންވެއެވެ. ނެރުމައްޗަށް ބިންދާ ރާޅުތަކުގެ ތެރެއިން ބިރުން ތިބެ ފަޅުން ނުކުތުމުގެ ބަދަލުގައި އެންމެންހެން މިހާރު ދަނީ ޖެޓީ ކޮޅަށެވެ.

ރީލު ދޮށްޓާއި އެއާ ވާނެ ސާމާނު ވިއްކާ ރަސްގެތީމް، ނީލް، އަލީ ނަސީރު ބުނި ގޮތުގައި ޖެޓީގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް ޖެޓީގެ މަސްވެރިކަން ވައިގައި ހިފައި، ދޮށި ހޯދުމުގެ ފޯރި ވެސް ރަސްގެތީމުގައި ގަދަވި އެވެ.

"ރީލުދޮށިތަކާ އެއާ ގުޅޭ އާލާތްތައް ހަމަ ވަރަށް ގިނަ ގޭގައި ހުންނާނެ. މި ރަށުގައި ހަމަ ރީލު ދޮށްޓެއް ނެތް ގެއެއް ހަމަ ވަރަށް މަދުވާނޭ ބުނެވޭނީ، އެންމެ ދޮށްޓެއް ވެސް ނޫން، އެއް ދޮށްޓަށް ވުރެ ގިނަ ދޮށި ހަމަ ހުންނާނޭ ބުނެވޭނީ،" ނަސީރު ބުންޏެވެ.

ރަސްގެތީމުގައި އާދަޔާ ހިލާފަށް މަސްވެރިކަން ކުރާ ޖެޓީ— ފޮޓޯ/ ހަތާވީސް

ދޮށި ވިއްކުމުގެ މަސައްކަތް ފަށަން ނަސީރު ނިންމީ ޖެޓީގެ މަސްވެރިކަން ވައިގައި ހިފަން ފެށި ދުވަސްވަރު ޒުވާނުން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތައް އަޑު އަހައިގެންނެވެ.

"އެކުދިން ބުނަމުން ދިޔައީ ވަރަށް އުނދަގުލޭ ޖިގް އެއްޗިހި ހޯދަން،"

ދޮށްޓާއި އެއާ ގުޅޭ ސާމާނު ރަށުން ބޭރުން ގެންނަން ޖެހުމުން އެކަމަށް ހިނގާ ހަރަދުބޮޑުވުމުގެ ކަންބޮޑުވުމާ އެކު ބައެއް ޒުވާނުން އަލީއަށް ހިޔާލު ދިނީ އަތްފޯރާ އަގެއްގައި ރަށުން އެތަކެތި ލިބޭނެ ގޮތް ހެދުމަށެވެ. މާލޭގައި ފުޅާ ދާއިރާގައި ދޮށްޓާއި އެއާ ގުޅޭ ސާމާނު ވިއްކާ "ބުޅި ކަންވާރު" ފިހާރައާ އޭނާ ވާހަކަ ދެއްކީ އެހެންވެއެވެ.

"ފުރަތަމަ ވަރަށް މަދުން ގެނައީ ވެސް، ހަމަ އެކަނި ޖިގްކޮޅެއް އެކަނި ގެނައީ." އަލީ ބުންޏެވެ.

އޭގެ ފަހުން ވިއްކާ ބާވަތްތައް މަޑުމަޑުން އިތުރުކުރީ މަސްވެރި ޒުވާނުން ބޭނުންވާ ކަންތައްތަކަށް ބަލައިގެންނެވެ. އެންމެ ފުރަތަމަ 4،000 އާއި 6000 ދެމެދުގެ ރީލް ގެނައި ނަމަވެސް މިހާރު އޭނާ 3000 އިން ފެށިގެން 14000 އާ ދެމެދުގެ ރީލް ވިއްކައެވެ.

ދޮށި ވިއްކާ އެހެން ބައެއް ތަންތަން ރަސްގެތީމުގައި ހުށްޓަސް، އެންމެ ގިނަ ބާވަތްތައް ހުރީ އަލީގެ ފިހާރައިގަ އެވެ.

ޖެޓީ އަޅަން މެދުވެރިވި ސަބަބު

ރަސްގެތީމަށް އުފާވެރިކަން ގެނެސްދޭ މި ޖެޓީ އަޅައިދޭތޯ ރަށު ކައުންސިލުން ސަރުކާރުގައި އެދެމުން ދިޔަ ނަމަވެސް އެކަން ކޮޅެއްގައި ޖެހުނީ އެރަށުގެ ބަނދަރު މިހާރު އޮތް ގޮތަށް ނުހަދާ އިރު ހިނގި ވަރަށް ހިތާމަވެރި ހާިދސާއަކަށް ފަހުގައެވެ. ނެރުމައްޗަށް ބިންދާ ރާޅު ދަށުލައި ބަނޑުން ޖަހައިލި ބޮއްކުރައެއްގެ ފަށްގަނޑާ ގާތަކާ ދެމެދު ފިތިގެން ފައެއް ބުރިވީއެެވެ. އެ ހިތާމަވެރި ހާދިސާ ކުރިމަތިވެވަޑައިގެންނެވީ ރަސްގެތީމު ކައުންސިލްގެ އޭރުގެ ރައީސް އަލީ ނަޖީބަށެވެ. އޭނާ އަކީ މިހާރު ވެސް ކައުންސިލްގެ މެންބަރެކެވެ.

"އޭގެ ކުރިން ވެސް ދެތިން ހާދިސާއެއް އޮތީ ހިނގާފައި. އެހެން ނަމަވެސް އެ ހާދިސާ ހިނގައިގެން އަޅުގަނޑު ހޮސްޮޕިޓަލުގައި އޮތް އިރު ޒިޔާރަތްކުރި ވަޒީރުން ވައުދުވެވަޑައިގެންނެވި ރަސްގެތީމަށް ދިމާވެފައި އޮތް އެ މައްސަލައަށް ހައްލެެއް ހޯދައިދޭން،" އެ ހާދިސާގެ ހަނދާން އާކުރައްވަމުން ނަޖީބު ވިދާޅުވި އެެވެ.