ރިޔާސީ އިންތިހާބުގެ ތެރޭގައި މަސްވެެރިންނަށް ވައުދުވި ގޮތަށް ފައިސާ ދިނުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސަރުކާރަށް އަހަރެއް ވެގެންދާއިރު ވެސް އެވައުދާއި އެއްގޮތަށް ފައިސާ ނުލިބޭތީ މަސްވެރިން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެކަމުގައި ދަނީ ފާޑު ވެސް ކިޔަމުންނެވެ.
ސަރުކާރުން ބުނީ ކަންކަން ހަމައަކަށް އެޅުމާއެކު ރައީސްގެ ވައުދާއި އެއްގޮތަށް ފައިސާ ދޫކުރާނެ ކަމަށެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދު ކުރުމަށް މިފްކޯއަށް ހަވާލުކުރެވިފައިވާ ކަމަށެވެ.
"މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް ދޭންވާ ފައިސާ ނުލިބޭ މައްސަލާގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުކޮށް ސުވާލު ކުރައްވައިފައެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މިހާރު ނުދެވި ހުރީ 16 މިލިއަން ރުފިޔާ ކަމަށެވެ. އެ ފައިސާ ޖަމާ ކުރުމުގެ މަސައްކަތް ފިނޭންސުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.