ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި ޕީއެންސީއަށް މެމްބަރުން އިތުރު ކުުރުމުގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފިއެވެ.
އެމްޑީޕީން މިގޮތަށް ބުނެފައި ވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް އެ މިނިސްޓްރީ ތެރޭގައި ޕީއެންސީ ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައިވަނިކޮށެވެ. މީގެ އިތުރުން ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ ތެރޭގައި ވެސް ޕީއެންސީގެ ފޯމު ފުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ޓަކައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ދިޔުން އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރުމުގެ މަސައްކަތް، ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ކުރަމުންގެންދާތީ އާއި، މުވައްޒަފުން ލައްވާ އެކަން ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބެމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.
"މީގެކުރިން އުފެދުނު ޕީޕީއެމްގެ ސަރުކާރެކޭ އެއްގޮތަށް މިވަގުތު އޮތް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް މި ޕާޓީއަށް ދަނީ ލިބެމުންނެވެ. އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ޕީއެންސީން ބޭނުންކޮށްގެން އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް ގޮވާލާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ