މިއަހަރުގެ "ސްޕޯޓްސްވުމަން އޮފް ދި އިޔަރ-ގޯލްޑް" އެވޯޑު ޓޭބަލް ޓެނިސް ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ ޢަލީ އާއި މުޙައްމަދު ޝައްފާން އިސްމާޢިލް ހާސިލު ކުރައްވައިފިއެވެ.

މި އެވޯޑުތައް އެ ދެ ކުޅުންތެރިން ހާސިލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ޝަރަފުވެރިކޮށްދެއްވި 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ހަފްލާގައެވެ. އެ އެވޯޑަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ދޭން ފެށި އެވޯޑެކެވެ.

އެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންފައިވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، ޢަބްދުއްސައްތާރު ޙަސަނަށެވެ.

މީގެ އިތުރުން 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް' ޙާސިލުކުރެއްވި ފާތިމަތު ދީމާ ޢަލީ އަށާއި، 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރެއްވި ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤަށާއި، 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރެއްވި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސެވެ.

އަދި 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ގޯލްޑް' ޙާސިލުކުރެއްވި މުޙައްމަދު ޝައްފާން އިސްމާޢިލަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރެއްވި އަޒްނީން ރަޝާދަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރެއްވި ނިބާލް އަޙްމަދަށް ވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އެވޯޑު ހަވާލުކުރެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު ވަނީ މި ޙަފްލާގައި އެންމެ ޝަރަފުވެރި ދެ އެވޯޑު ޙާޞިލުކުރެއްވި ދެ ބޭފުޅުންނާއެކު ޚާއްޞަ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެން، ބައެއް ޚާއްޞަ އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. އަދި ކުޅިވަރު ދާއިރާގެ ކުރިއެރުމަށް ރާއްވަވާފައިވާ އަދި ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަނީ މި ޖަލްސާގައި ވާހަކަފުޅު ދައްކަވައިފައެވެ.

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް' އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިޙްތިފާލެވެ.